އީރާނަކީ ބިރު ދައްކައިގެން، އިންޒާރު ދީގެން އަމާން ދޭނެ ގައުމެއް ނޫން ކަމަށަށް ބުނެ އީރާނުން އެމެރިކާއަށް ރައްދު ދީފިއެވެ.
އީރާނުގެ ދައުލަތު މީޑިޔާ މެދުވެރިކޮށް، އެ ގައުމުގެ އެންމެ އިސް ލީޑަރު އަލީ ޚާމަނާއީ ދެއްވި ޚިތޯބެއްގައި ވިދާޅުވީ، އެމެރިކާއިން ގަދަދައްކައިގެން، ބިރު ދައްކައިގެން އީރާން އަމާންދީ ފަހަތަށް ނުޖެއްސޭނެ ކަމަށެވެ. އެގޮތަށް އީރާނުގެ ބޯ ގުދު ނުކުރާނެ ކަމަށެވެ.
ޚާމަނާއީ ވިދާޅުވީ، އީރާނުގެ ތާރީޚުވެސް އޮތީ ދުޝްމަނުންގެ ކުރިމަތީގައި އަމާން ދިނުމުގެ ސޮފްޙާއެއް ނޫން ކަމަށާއި، އެ ގައުމުން ޝަހީދުވީ އެންމެންގެ ލޭ އޮހޮރުވާލާފައި ވަނީ ހިތްވަރާއެކު ކެރިގެން ހަނގުރާމަ ކޮށްގެންކަން ތާރީޚުން ފެންނާނެ ކަމަށެވެ.
ޚާމަނާއީ ވިދާޅުވީ އީރާނުން އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ނުފަށާ ކަމަށާއި، އީރާން ހަނގުރާމައެއްގެ ތެރެއަށް ވެއްދުވީ އިޒްރޭލުން ކަމަށެވެ. އެހެންވެ އިޒްރޭލަށް އީރާނުން އަދަބު ދޭނެކަމަށް ވިދާޅުވިއެވެ.
ޚާމަނާއީ މިފަދައިން ވިދާޅުވީ، އެމެރިކާގެ ރައީސް ޓްރަމްޕް އީރާނަށް ދެއްވި އިންޒާރަކާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވީ އީރާނަށް އޮތީ އެއްވެސް ޝަރުތެއް ނެތި އަމާން ދިނުން ކަމަށެވެ. އިތުރު ގޮތެއް މިހާރު ނެތް ކަމަށެވެ. ބޭރުގެ މީޑިޔާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމެރިކާއިން ދަނީ އީރާން، އިޒްރޭލް ހަނގުރާމައިގެ ތެރެއަށް ވަންނަން ތައްޔާރު ވަމުންނެވެ.