ކުރީގެ ރައީސް މުޙަންމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ މެމްބަރުން އެމްޑީޕީން ވަކިވެގޮސް، ޑިމޮކްރެޓްސް އުފެއްދުމަށްފަހު، އަލުން އެނބުރި އެމްޑީޕީއާ ގުޅުމަށް ނިންމި ނިންމުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެންމެ އިސް އެޑްވައިރު، އިބްރާހީމް މުޙަންމަދު ސޯލިހު (އިބޫ) މަރުހަބާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބޫ ވިދާޅުވީ، ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް ނިންމި ނިންމުމަށް މަރަޙަބާ ދަންނަވާ ކަމަށާއި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދެމިތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ، ރައްޔިތުންގެ މަޞްލަޙަތު އަބަދުވެސް އިސްކުރާ ބަޔަކަށް އެމްޑީޕީ އަބަދުވެސް ވާންޖެހޭނެ ކަމަށެވެ.
އެހެން ވިދާޅުވުމަށްފަހު އިބޫ ދޫކޮށްލެއްވީ ޅެން ބައިތެކެވެ.
"ހުރަސްތަކާ ދިމާވެދާ ޢަދަދުނުވާނެ ދަތިތަކުން،
ފަހަށް ނުޖެހި ދެވޭނެހެން ފަށާށެވީ ގިރާކުރާން.
ޤައުމިއްޔަ އިލްތިމާސުތަކަށް ޢަމަލުކުރާށެ ހެޔޮހިތުން،
އަބަދު ކުރާށެ ހިތްވަރެއް ހިނގާނެ އާމަގެއް ކޮށާން"
ޕޯސްޓުގައި އިބޫ ވަނީ މީގެކުރިން އެމަނިކުފާނު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގެ ވީޑިޔޯ ކޮޅެއްވެސް ޙިއްސާ ކުރައްވާފައެވެ. އެ ވީޑިޔޯގައި އިބޫ ވިދާޅުވެފައި ވަނީ އެމްޑީޕީއަކީ އެންމެންގެވެސް ޕާޓީ ކަމަށާއި، އޭރު އުފެދިގެން އައި ޒާތީ މައްސަލަތައް އެއްފަރާތް ކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނާމެދު އޮތް މައްސަލައެއް ވިޔަސް އެއްފަރާތްކޮށް ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.