ނަޝީދު ހިމެނޭހެން ޑިމޮކްރެޓްސްގެ އިސްވެރިން އެމްޑީޕީއަށް އަންނަނީ މުސްތަގުބަލު އޮތީ އެމްޑީޕީގައި ކަމަށްވުމުން: ޝާހިދު

ނަޝީދު ހިމެނޭހެން ޑިމޮކްރެޓްސްގެ އިސްވެރިން އެމްޑީޕީއަށް އަންނަނީ މުސްތަގުބަލު އޮތީ އެމްޑީޕީގައި ކަމަށްވުމުން: ޝާހިދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން ދަ ޑިމޮކްރެޓްސްގެ އިސްވެރިން އަލުން އެމްޑީޕީއަށް އަންނަ ނިންމީ ސިޔާސީ މުސްތަގުބަލު އޮތީ އެމްޑީޕީގައި ކަމަށްވުމުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ކުއްލި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ "އަޅުގަނޑަށް ފެންނަނީ ގުޅިވަޑައިގަންނަވާ ބޭފުޅުންނަށް މަރުހަބާ ކިޔަން. އަޅުގަނޑުމެންނަކީ މާޒީގެ އަޅުން ކަމަށް ވެގެން ނުވާނެ. އަޅުގަނޑުމެން ވިސްނަން ވާނީ މުސްތަގުބަލަށް." ކަމަށެވެ.

ޝާހިދުގެ ވާާހަކަތައް ތާއީދުކުރައްވާ މޭރުމަކުން ވާހަކަދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެމްޑީޕީގެ މިވަގުތު ވިސްނުން ބަހައްޓަންވާނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތަކަށް ޕާޓީގެ ކަންކަން ބައްޓަން ކުރުމަށް ކަމަށެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ކުރިން ހިނގި ފަދަ ކަންކަން އަލުން އިއާދަ ނުކުރެވޭނެ ފަދަ ގޮތަކަށް ވެސް ކަންތައް ބައްޓަން ކުރަންވާނެ ކަމަށެވެ.

ޑިމޮކްރެޓްސްއިން މިމަހުގެ 17 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ނެޝަނަލް އެސްބްލީގެ ބައްދަލުވުމެއްގައި ފާސްކުރި ގަރާރެއްގައި ވަނީ ދަ ޑިމޮކްރެޓްސް އުވާލައި އެ ޕާޓީގެ ހުރިހާ މެންބަރުން އަލުން އެމްޑީޕީއާ ގުޅުމަށް ނިންމައިފި އެވެ.

އެ ގަރާރަކީ ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން ޑިމޮކްރެޓްސްގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދު ހުށަހެޅުއްވި ގަރާރެކެވެ.

”ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިިނދު، މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވަމެވެ،“ ހަމްދާ ހުށަހެޅުއްވި ގަރާރުގައިވެ އެވެ.

ހަމްދާ ހުށަހެޅުއްވި ގަރާރު ފާސްކުރަން އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގެ ގިނަ ބަޔަކު ވަނީ ތާއީދުކޮށްފަ އެވެ.

ޑިމޮކްރެޓްސް އެދަފަ ގަރާރެއް ފާސްކުރިއިރު ނަޝީދު ވަނީ މިފަހުން ރާއްޖެ ވަޑައިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ހިމެނޭހެން އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ.

ނަޝީދަކީ އެމްޑީޕީ އުފައްދަން 2003 ވަނަ އަހަރު ސަރުކާރަށް ޕެޓިޝަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެކަކެވެ. ނަޝީދަކީ އެ އެމްޑީޕީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ޓިކެޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ.

ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، އެ މަނިކުފާނުގެ ޒަމާންވީ އެކުވެރިޔާ އިބޫއާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ފަހުން ”ފިކުރެއްގެ ދިރުން“ ނަމުގައި އެމްޑީޕީގެ ތެރެއިން ވަކި ފެކްޝަނެއް އުފައްދަވައިގެން ނަޝީދު މަސައްކަތް ކުރެއްވި އެވެ.

އަދި 18 އަހަރަށްފަހު 21 ޖޫން 2023 ގައި ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. އޭރު އެ މަނިކުފާނު ހުންނެވީ އެ ޕާޓީގެ ރައީސްގެ މަގާމުގަ އެވެ.

އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު ނަޝީދު ދެން ގުޅިވަޑައިގަތީ އެ މަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް އާއެވެ. އޭގެ ކުރިން ނަޝީދު ވަނީ އެމްޑީޕީ ”އަތުލަން“ ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ނަޝީދު ވަނީ އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *