ކުރީގެ ރައީސް މުޙަންމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު ބައްދަލު ކުރައްވައި ސިޔާސީ މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މެންދުރުގެ ކެއުމަކަށް ނަޝީދު، ފައްޔާޒަށް ދައުވަތު ދެއްވައި، ކެއުމުގެ ތެރެއިން ކުރިއަށްދިޔަ މި މަޝްވަރާގައި ނަޝީދަށް ތާއީދު ކުރައްވާ ޑިމޮކްރެޓްސްގެ ބަޔެއް ބޭފުޅުންނާއި، ދާދިފަހުން ޑިމޮކްރެޓްސްއިން ވަކިވެ، އެމްޑީޕީއާ ގުޅުނު ބަޔެއް ބޭފުޅުންވެސް ތިއްބެވިއެވެ.
ބައްދަލުވުމުގެ ފޮޓޯއެއް ސޯޝަލްމީޑިޔާގައި ހިއްސާ ކުރައްވައި، ފައްޔާޒް ވިދާޅުވީ، ގައުމު އަނބުރާ ހަމަމަގަށް އެޅުވުމުގައި އިސްލާޙަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް އެކަމާމެދު ނަޝީދު މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ.
މި ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ މިހާރުގެ ރައީސް އިމްތިޔާޒް ފަހުމީ އާއި ޑިމޮކްރެޓްސްގެ ކުރީގެ ރައީސް ހަސަން ލަތީފުވެސް އިންނެވިއެވެ.
ނަޝީދާއި ފައްޔާޒް މިއަދު ބައްދަލު ކުރެއްވިއިރު، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ވިސްނަވާ ކަމަށް ނަޝީދު ވަނީ ވަރަށްފަހުން ވިދާޅުވެފައެވެ. އަދި އެކަމުގައި އެމްޑީޕީގެ ބަޔެއް ބޭފުޅުންގެ ޚިޔާލަށްވެސް ވަނީ އައްސަވާފައެވެ. ނަމަވެސް ނަޝީދުގެ ވިސްނުންފުޅަކީ އަލުން އަނބުރައި އެމްޑީޕީއާ ގުޅިވަޑައިގެން ރިޔާސީ ރޭހަށް ވާދަކުރެއްވުން ކަމެއް ނުވަތަ ޑިމޮކްރެޓްސްގައި ހުންނަވައިގެން އެކަން ކުރެއްވުންކަމެއް ސާފެއް ނުވެއެވެ.