ކައުންސިލްތައް ކުޑަކުރަން ޚިޔާލު ހޯދަން ގަރާރެއް ހުށަހަޅައިފި

ކައުންސިލްތައް ކުޑަކުރަން ޚިޔާލު ހޯދަން ގަރާރެއް ހުށަހަޅައިފި

ކައުންސިލްތަކުގެ މެމްބަރުން މިހާރަށްވުރެ މަދުކޮށް، ކައުންސިލްތައް ކުޑަކުރުމާއިބެހޭ ގޮތުން ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.

ވެރިކަންކުރާ ޕީއެންސީގެ، ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ސުޖާއު މަޖިލީހަށް މިއަދު ހުށަހެޅުއްވި ގަރާރަކީ، ރަށު ކައުންސިލްތަކުގައި ފުލްޓައިމް 1 ނުވަތަ 2 މެމްބަރުންނަށް ކައުންސިލް ކުޑަކޮށް، އަދި ކައުންސިލަރުންގެ މުސާރައަކީ ހަމައެކަނި ސިޓިންގ އެލަވަންސެއްދޭ ބަޔަކަށް ބަދަލު ކުރުމަށް  ގާނޫނަށް އިސްލާހު ގެނައުމާމެދު މެމްބަރުންގެ ޚިޔާލު ހޯދަން ހުށަހެޅުއްވި ގަރާރެކެވެ.

މި ގަރާރުގައި ވަނީ ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ޚަރަދެއް ހިނގާ ކަމަށާއި، ނަމަވެސް ކުރާ ޚަރަދާއި ބަލާއިރު އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭތީ ކަންބޮޑުވުން އޮތް ކަމަށް ބުނެފައެވެ.

ގަރާރު ހުށަހަޅުއްވަމުން ސުޖާއު ވިދާޅުވީ، ކޮންމެ ކައުންސިލަކު ފުލްޓައިމް 1 ނުވަތަ 2 ކައުންސިލަރުން ތިބުމަށްފަހު، ދެންތިބޭ ކައުންސިލަރުންނަކީ ހަމައެކަނި ޖަލްސާއަށް ހާޒިރުވާ ބަޔަކަށް ހަދައި، އެ ކައުންސިލަރުންނަށް ހަމައެކަނި އެލަވަންސެއް ހަމަޖެއްސުމުން ކައުންސިލްތައް މިހާރަށްވުރެ ޕްރޮފެޝަލްކޮށް ހިނގާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

ފާއިތުވީ އަހަރު ތަކުގައި ކައުންސިލްތަކަށް އެތައް ބިލިޔަން ރުފިޔާއެއް ޚަރަދުވި ނަމަވެސް އެކަށީގެންވާ ނަތީޖާއެއް ކައުންސިލްތަކަށް ދެއްކިފައި ނުވާކަމަށްވެސް ސުޖާގެ ގަރާރުގައި ފާހަގަ ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *