މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ޒަމްއަތު އަހުމަދު ވަހީދު އައްޔަން ކުރަން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފި އެވެ.
ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާ (އަނާ) ގެ ދައުރު މިއަދު ހަމަވެފައިވާތީ، އެ ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވައިލުމުން ކުރިމަތި ލެއްވި 6 ބޭފުޅުންގެ ތެރެއިން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީންވެސް އެންމެ މަތިން މާކްސް ލިބިފައިވާ ޒަމްއަތު، ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރަން މަޖިލީހުން މިއަދު ފާސްކުރީ މަޖިލީހުގެ 56 މެމްބަރުންގެ ވޯޓާއެކުގައެވެ. ކޮމިޓީން މާކްސް ދީފައިވާ ތަރުތީބުން ވޯޓަށް އެހުމުން ފުރަތަމަވެސް ވޯޓަށް އެހީ ޒަމްއަތުގެ ނަމަށެވެ. އެ ނަން ފާސްވުމުން ބާކީ އޮތް ދެނަމަށް ވޯޓަށް އަހާކަށް ނުޖެހެއެވެ.
ކޮމިޓީން ފާސްވެގެން ދެން މަޖިލިސް ތަޅުމަށް ފޮނުވި ދެ ނަމަކީ، އެ ކޮމިޝަނުގެ ކުރީގެ މެމްބަރު އަދި ޕީއެސްއެމްގެ ކުރީގެ އެމްޑީ ޒީނާ ޒާހިރާއި، އޭއޯ ނިއުސްގެ ފައުންޑާ ޝިމްލާ އަހުމަދެވެ. ކޮމިޝަނަށް ހޮވަން ފާސްކުރީ ޒަމްއަތަކީ ކުރިން ނޫސްވެރިކަމުގެ ދާއިރާގައި އުޅުއްވި ފަރާތެކެވެ. އޭނާ ކުރިން ނޫސްވެރިކަން ކޮށްފައި ވަނީ ވީނިއުސްގައެވެ.