އިޒްރޭލުން އީރާނަށް ދިން ކުއްލި ހަމަލާގެ ރައްދުގައި އީރާނުން ރޭ ފަތިހު އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތައް އިޒްރޭލްގެ ތެލްއަވީވަށް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ހުކުރުވިލޭރޭ އިޒްރޭލްގެ ކުއްލި ހަމަލާތައް އީރާނަށް ފޮނުވާލައި އިޒްރޭލުންވެސް ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ގެއްލުންދީފައެވެ. އިޒްރޭލްގެ ހަމަލާގައި އީރާނުގެ ސިފައިންގެ އިސްވެރިންތަކެއް މަރުވި ކަމަށްވެސް މީޑިޔާ ރިޕޯޓުތަކުގައިވެއެވެ. އެއާއެކު އީރާނުން އިއްޔެ ބުނެފައި ވަނީ ރައްދު ވަރުގަދަވާނެ ކަމަށެވެ. އިއްޔެވެސް އީރާނުން އިޒްރޭލަށް ޑްރޯންހަމަލާތަކެއް ދީފައިވެއެވެ. ނަމަވެސް އީރާނުގެ މިސައިލް ހަމަލާތައް އިޒްރޭލަށް ފޮނުވަން ފެށީ ރޭ ފަތިހުއެވެ.
ބައިނަލްއަގްވާމީ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ރޭ އީރާނުން ފޮނުވާލި މިސައިލްތަކުން އިޒްރޭލްގެ ޑިފެންސް ވަނީ ފޫއަޅާފައެވެ. އެ ހަމަލާތަކުގައި އިމާރާތްތަކާއި މީހުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ނަމަވެސް މީހަކު މަރުވި ކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.
އީރާނުގެ ހަމަލާ އަމާޒަކަށް ވެފައި ވަނީ އިޒްރޭލްގެ ޑިފެންސް ސިސްޓަމް ފޫދުއްވާލުމެވެ. ނަމަވެސް ތެލްއަވީވްގައި އާންމުން ދިރިއުޅޭ ބަޔެއް ސަރަހައްދު ތަކަށްވެސް މިސައިލް އަރާފައިވާ ކަމަށްވެއެވެ.
ބައިނަލްއަގްވާމީ މާހިރުން ދެކޭގޮތުގައި އީރާނުގެ މި ހަމަލާއަށް އިޒްރޭލުންވެސް ރައްދުދޭނެއެވެ. އެހެންކަމުން މިއީ ބޮޑު ހަނގުރާމައެއްގެ ކޮޅުމަތި ކަމުގައިވެސް ވެދާނެއެވެ.