ރައީސް ކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް: ޑރ. ވަޙީދު

ރައީސް ކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް: ޑރ. ވަޙީދު

އިތުރު ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތި ލެއްވުމުގެ ވިސްނުމެއް ދެން ނެތް ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައީސް ޑރ. މުޙަންމަދު މުއިއްޒުގެ ޚާއްސަ މުޝީރު ކަމުގައި ހުންނެވި ޑރ. މުޙަންމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.

އަމިއްލަ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވަޙީދު ވިދާޅުވީ، އެމަނިކުފާނުގެ ވިސްނުންފުޅަކީ ގައުމަށް ޚިދުމަތް ކުރެއްވުން ކަމަށާއި، މިހާރު އޮތް ސަރުކާރާއި އަދި ކުރިއަށް އަންނަ ސަރުކާރުތަކަށްވެސް ވެދެވުނު ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށެވެ.

ރައީސް ވަޙީދު ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމާއި ހަމައިން ރާއްޖޭގައި އުފެދުނު ކޮންމެ ސަރުކާރަކަށްވެސް އެމަނިކުފާނުގެ އެހީތެރިކަން ދެއްވާފައިވާނެ ކަމަށެވެ. އަދި މިހާރު ރައީސް މުއިއްޒުގެ ސަރުކާރުގައިވެސް ކުރައްވާ ކަމަކީ ގައުމަށް ހެޔޮއެދިގެން ގައުމުގެ ކުރިމަގަށް ކުރައްވާ މަސައްކަތް ކަަމަށެވެ.

ރައީސް ވަޙީދު ވިދާޅުވީ، މި ސަރުކާރުންވެސް އެމަނިކުފާނަށް ރައީސްގެ ޚާއްސަ މުޝީރުކަން ދެއްވީ، އެމަނިކުފާނާމެދު ރައީސް މުއިއްޒު ހެޔޮކޮށް ވިސްނަވާތީ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވައި ވިދާޅުވީ، އެ ފުރުޞަތު ލިބުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ރައީސް ވަޙީދު ވިދާޅުވީ، މި ސަރުކާރުގައި ކުރައްވާ މަސައްކަތުގައި ސިޔާސީ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި ވީއެންމެ ރަނގަޅަށް ޚިދުމަތް ކުރައްވާނެ ކަމަށެވެ.

ރައީސް ވަޙީދު ވަނީ ރާއްޖޭގެ ރައީސްކަންވެސް ކުރައްވާފައެވެ. އެއީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމާއި ގުޅިގެންނެވެ. އޭރު ރައީސް ވަޙީދަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެެވެ. އެއަށްފަހު ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި ނަމަވެސް ރިޔާސީ ރޭސް ކާމިޔާބެއް ނުވިއެވެ. އޭގެފަހުން ރައީސް ޔާމީންގެ ސަރުކާރާއި ރައީސް ސޯލިހުގެ ސަރުކާރުގައިވެސް އެކި ފެންވަރުގައި އެހީތެރިކަން ދެއްވާފައިވާނެ ކަމަށް ރައީސް ވަޙީދު ވިދާޅުވިއެވެ. އެންމެ ފަހުން އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ވަޙީދު ތާއީދު ކުރައްވައި ކެމްޕޭން ކުރެއްވީ ގާސިމް އިބްރާހީމަށެވެ. ދެވަނަ ބުރުގައި ތާއީދު ކުރެއްވީ ރައީސް ސޯލިހަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *