ރޭ ކުއްލި ގޮތަކަށް އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޝައިޚް އިބްރާހީމް ފަރީދުގެ ހަށިގަނޑު ރާއްޖެ ނުގެނެސް، މެލޭޝިޔާގައި ވަޅުލާން އާއިލާއިން ނިންމައިފިއެވެ.
އާއިލާ މީހަކު މައުލޫމާތު ދިން ގޮތުގައި ފުރަތަމަ މަސައްކަތް ކުރީ ޝައިޚްގެ ހަށިގަނޑު ރާއްޖެ ގެނެސް، ރާއްޖޭގައި ވަޅުލާށެވެ. އެގޮތަށް މަސައްކަތް ކުރީ މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީން އެފަދަ އިޝާރާތެއް ލިބިގެން ކަމަށާއި، ނަމަވެސް ފަހުން އެނގުނު ގޮތުގައި ހަށިގަނޑު ރާއްޖެ ގެންނަނަމަ ގެނެވެން އޮތީ ޕޯސްޓްމޯޓަން ހަދައިގެންނެވެ. އެހެންވެ އާއިލާއިން ނިންމީ ޝައިޚްގެ ހަށިގަނޑު ފަޅާލައިގެން އެކަންނުކޮށް، މެލޭޝިޔާގައި ޖަނާޒާ ބާއްވައި ވަޅުލާށެވެ.
"ފަރީދުބެވެސް ބޭނުމެއްނުވާނެ ހަށިގަނޑު ފަޅާލާކަށް. އެއީ ޔަގީންކަމެއް. އެހެންވެ އާއިލާއިން ނިންމީ މާލެ ނުގެންނަން." އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެނގިފައިވާ ގޮތުގައި ޝައިޚްގެ ޖަނާޒާގައި ބައިވެރިވުމަށް، އާއިލާ ބަޔެއް ބޭފުޅުންވެސް މިއަދު މެލޭޝިޔާއަށް ދަތުރުކުރާނެއެވެ. ޝައިޚް އަވަހާރަވީ ޚިދުމަތް ޖަމްއިއްޔާގެ ދަތުރެއްގައި މެލޭޝިޔާއަށް ވަޑައިގެންނެވި ތަނުން އެއާޕޯޓަށް ވެއްޓި އަވަސް ފަރުވާ ދެމުން ދަނިކޮށެވެ. ޝައިޚާއެކު އެ ޖަމްއިއްޔާގެ ބަޔެއް އެހެން މެމްބަރުންވެސް މެލޭޝިޔާއަށް ދިޔަކަމަށް ވެއެވެ. ޚިދުމަތް ޖަމްއިއްޔާގެ ވެރިޔަކީވެސް ޝައިޚް ފަރީދެވެ.
ފްލައިޓަށް އަރާއިންނެވިއިރުވެސް މެޔަށް ތަދެއް އެރިކަމަށްވެއެވެ. ނަމަވެސް ފަހުން ތަދު ފިލައިފި ކަމަށް ޝައިޚް ވިދާޅުވި ކަމަށްވެއެވެ.