ހޯމަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މެޓުން ބުނެފި އެވެ.
މެޓުން މިއަދު ބުނީ ރާއްޖޭ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ، މިމަހުގެ 9 ވާ ހޯމަދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ސަރަޙައްދަށް އާންމުކޮށް ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ.
އަދި އާންމުކޮށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓުން ބުންޏެވެ.
މީގެއިތުރުން، ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށާއި، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.