އެމްޑީޕީގެ އާންމު މެމްބަރުން ނަޝީދަށް: ބޭނުމީ "އަންނި ނޫން ގޮތެއް"

އެމްޑީޕީގެ އާންމު މެމްބަރުން ނަޝީދަށް: ބޭނުމީ "އަންނި ނޫން ގޮތެއް"

އިއްޔެ އިވިގެން ދިޔައީ ކުރީގެ ރައީސް އަދި އެމްޑީޕީގެވެސް ކުރީގެ ރައީސް މުޙަންމަދު ނަޝީދު 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ވާހަކައެވެ. އެމްޑީޕީގެ އިސް ބަޔެއް މެމްބަރުންނަށް ނަޝީދުގެ މެސެޖެއް އިއްޔެ ދިޔައެވެ. މެސެޖުގައި ނަޝީދު ވިދާޅުވެފައި ވަނީ އެކަމުގައި ޚިޔާލެއް ބޭނުންފުޅު ކަމަށެވެ. އަދި ކޮންމެ ޖަވާބެއް ދެއްވިޔަސް އޮތް ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނާނެ ކަމަށެވެ.

އެމްޑީޕީގެ އިސް ބަޔެއް ބޭފުޅުންނަށް އިއްޔެ ނަޝީދު ކުރެއްވި މި މެސެޖާއި ގުޅިގެން އެއިން ބޭފުޅަކު އާންމުންގެ ތެރޭގައި އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ. މެސެޖުގެ ރިޕްލައި ނަޝީދަށް ފޮނުއްވި ކަމެއް ނުވަތަ ނުފޮނުއްވާ ކަމެއްވެސް އާންމު ވެފައެއްނެތެވެ.

އެމްޑީޕީގެ އިސް ބޭފުޅުން ނަޝީދަށް ރިޕްލައި ނުކުރެއްވިޔަސް، ޕާޓީގެ ހަރަކާތްތަކުގައި މިވަގުތު ހަރަކާތްތެރިވަމުން އަންނަ އާންމު ބަޔެއް މެމްބަރުން ވަނީ އެ މެމްބަރުންގެ ޖަވާބު ނަޝީދަށް ދެއްވާފައެވެ. ސޯޝަލް މީޑިޔާގައެވެ. ފޭސްބުކާއި ޓްވިޓާރގައެވެ. އެމްޑީޕީގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އެމްޑީޕީގެ މެމްބަރުންތިބޭ ވަޓްސްއަަޕް ގްރޫޕްގައެވެ.

އެގޮތުން އާންމު މެމްބަރުންގެ ޖަވާބަކަށް ފެނިގެން ދިޔައީ ނަޝީދަށް ނޫނެކޭ ބުނާތީއެވެ. އެ މެމްބަރުންގެ ވާހަކައިން ފެނުނީ ނިމިދިޔަ ރިޔާސީ އިންތިޚާބުން "އެމްޑީޕީ ބަލިވުމުގައި ނަޝީދު ލެއްވި ލަކުނު އަދިވެސް ހެޔޮނުވެ ރޯކޮށް އެބަހުރި" ކަމެވެ. މެމްބަރުންގެ މެދުގައި އަދިވެސް ނަޝީދާމެދު އޮތީ އެ ރުޅިވެރިކަމެވެ.

ބަޔެއް މެމްބަރުން ނަޝީދުގެ އެ ވާހަކައަށް ޖަވާބު ދީފައި ވަނީ ވަރަށް ކުރުކޮށެވެ. ހަމައެކަނި "އަންނި ނޫން ގޮތެއް" ބުނެލައިގެންނެވެ. ބެލެވޭގޮތުގައި އެ މެމްބަރުން އެގޮތަށް ބުނެފައި އެވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ނަޝީދުގެ އަރިސް ބޭފުޅުންނާއި ނަޝީދަށް ތާއީދުކުރާ އާންމު މެމްބަރުން "އިބޫ ނޫން ގޮތެއް" ބުނަމުން ދިޔުމާއި ގުޅިގެންނެވެ. އެހެންވެ ބަޔެއް މެމްބަރުންގެ ދުލުކުރިއަށް އެންމެ ފަސޭހައިން އައިސްފައި ވަނީ "އަންނި ނޫން ގޮތެއް" އެވެ.

އެހެން މެމްބަރަކު ބުނެފައި ވަނީ ފާޅުގައި ނަޝީދަށް ނޫނެކޭ ބުނަންޖެހޭ ކަމަށެވެ. ސަބަބެއް ކަމަށް ބުނީ ނަޝީދަކީ އެމްޑީޕީއަށް "2023 ގެއްލުވާލި މީހާ" ކަމަށެވެ.

އެހެން މެމްބަރަކު ބުނެފައި ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ކޮންމެ ބޭފުޅަކު ޕްރައިމަރީ ކާމިޔާބު ކުރެއްވިޔަސް އެ ބޭފުޅަކީ އޭނާގެ ކެންޑިޑޭޓް ކަމަށެވެ. އެގޮތުން ނަޝީދުވެސް އެމްޑީޕީއަށް ވަޑައިގެން އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިފިނަމަ އޭނާވެސް ހުރީ ނަޝީދު ހޮވަން "ހޭވައްލާ ތައްޔާރަށް" ކަމަށެވެ.

"ނަމަވެސް ޕާޓީއަށްދިން އަނިޔާއަށްޓަކައި ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވިޔަސް ވޯޓު ނުދެވިދާނެ" އޭނާވެސް ވާހަކަ ނިންމާލީ ރިޔާސީ އިންތިޚާބާއި ގުޅުވައި ހިތުގައި އަދިވެސް އޮތް ހިތްހަމަނުޖެހުމާއެކުއެވެ.

އެމްޑީޕީން ކުރިޔަށް ގެންދާ މަގުމަތީ ހަރަކާތްތަކުގައި އަބަދުވެސް ބައިވެރިވަމުން އަންނަ އާންމު މެމްބަރަކު ބުނެފައި ވަނީ އޭނާގެ ހިތުގައި ރައީސް ނަޝީދުގެ މައްޗަށް އޮތް ލޯތްބާއި އިހްތިރާމް އަދިވެސް ހަމަ އެގޮތުގައި އެބައޮތް ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގައި އޭނާ ވޯޓު ދެއްވާނީ ހަމައެކަނި އެމްޑީޕީގެ ކެންޑިޑޭޓަށް ކަމަށެވެ. އެނޫން ވިސްނުމެއް ނެތް ކަމަށެވެ.

އެހެން މީހަކު ބުނެފައި ވަނީ ނަޝީދުގެ އެހީތެރިކަން އެމްޑީޕީއަށް އެންމެ ބޭނުންވި ވަގުތު ނަޝީދު ވަރަށް ފާޅުގައި އުޅުއްވީ އެމްޑީޕީ "ރޫޅާލާން" ކަމަށެވެ. އެމްޑީޕީގެ އާންމު މެމްބަރުންނާއި ޕާޓީގެ ބަޔެއް އިސްބޭފުޅުންވެސް ގަބޫލު ކުރައްވާ ގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވީ ނަޝީދު އިސްކޮށް ހުންނަވައި ހެއްދެވި ޑިމޮކްރެޓްސް އެމްޑީޕީއާ ދެކޮޅަށް ނުކުތުމުންނެވެ. އެ ވާހަކަ އޭރުގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހުވެސް ތަކުރާރުކޮށް ބަޔެއް ޖަލްސާތަކުގައި ވިދާޅުވެފައިވެއެވެ. އެމްޑީޕީގެ ބަޔެއް އާންމު މެމްބަރުން ބުނެފައި ވަނީ ވެރިކަމުގައި އޮތް އެމްޑީޕީ ރިޔާސީ އިންތިޚާބުން ބަލިވެ، ޕާޓީގެ މެމްބަރުން މަގުމަތި ކުރުވީ ނަޝީދު ކަމަށެވެ. އެމްޑީޕީއާއެކު ނަޝީދު ހުންނެވިނަމަ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވީސް ކަމަށެވެ.

އާންމު މެމްބަރުންގެ ވާހަކަތައް ހުރީ ނަޝީދު ކުރިމަތި ލެއްވިޔަސް ވޯޓު ނުދޭގޮތަށެވެ. އެމްޑީޕީއަށް ވަޑައިގެން ޕްރައިމަރީގައި ވާދަކުރެއްވިޔަސް ވޯޓު ނުދޭގޮތަށެވެ. ޑިމޮކްރެޓްސްއިން ރައީސް ކަމަށް ކުރިމަތި ލެއްވިޔަސް ވޯޓު ނުދޭގޮތަށެވެ. އެހެންކަމުން އެމްޑީޕީގެ ތެރެއިން ފެނިގެން ދިޔައީ ނަޝީދަށް ނޫނެކޭ ބުނާ މަންޒަރެވެ. އެމްޑީޕީއާއި ނުލައި ނަޝީދަށްވެސް ވެރިކަމަށް އާދެވޭނެ މަގެއް ނެތްކަން ޚުދު ނަޝީދުވެސް ގަބޫލުފުޅު ކުރައްވައެވެ. ނަމަވެސް މިވަގުތަށް އެ ދޮރު ފެންނަނީ ނަޝީދަށްޓަކައި ލެއްޕިފައި ހުރިތަނެވެ. އެމްޑީޕީގެ މެމްބަރުން ބުނަނީ އެ ދޮރު ލެއްޕުނީ 2023 ގެ ރިޔާސީ އިންތިޚާބުގައި ނަޝީދު އަމަލުފުޅުކުރެއްވި ގޮތުން ކަމަށެވެ. އެހެންނޫންނަމަ، ނަޝީދާމެދު ހުރިހާ މެމްބަރުންގެ ހިތުގައިވެސް ކުރިން އޮތް ލޯތްބާއި ތާއީދު އަދިވެސް އޮތީހެވެ. ނަމަވެސް މިހާރު އެކަން ވަނީ ރުޅިވެރިކަމަށް ބަދަލުވެފައެވެ. މެމްބަރުންގެ ވާހަކައިން އެ ހުރިހާ ކަމެއް ބަދަލުވެ، ރުޅިވެރިކަމަށް ބަދަލުވީ 2023 ގެ ރިޔާސީ އިންތިޚާބުގެ އެންމެ މުހިންމު ވަގުތު "ކެޔޮގަނޑުގެ ފޫވައް ނައްޓާލައި" އެމްޑީޕީ "ރޫޅާލަން" ނަޝީދު ފާޅުގައި ތެދުވެވަޑައިގެންކަން އިއުލާނު ކުރެއްވުމާއި ހިސާބުންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *