އަލްހާ އީދުގެ މުނާސަބަތުގައި ގައުމީ ދިފާއީ ބާރާއި ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތައް އަދި ކުންފުނިތައް ގުޅިގެން 1446ވަނަ އަހަރުގެ އަލްހާ އީދުގެ އުފާ ފާޅުކުރުމަށް، "އީދުހަވީރު 1446″، ގައުމީ ފެންވަރުގައި ގްރޭޓާ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ނިންމައިފި އެވެ.
އެމްއެންޑީއެފުން މިރޭ ބުނީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު އެންމެހާ ދިވެހިން އީދުގެ އުފާ ފާޅުކުރުމަށް މަގުފަހިކޮށްދެއްވުމަކީ އެމަނިކުފާނު ހާއްސަ އަހަންމިއްޔަތެއް ދެއްވާ ކަމެއް ކަމަށެވެ. އެމްއެންޑީއެފުން ބުނީ 1446ވަނަ އަހަރުގެ އަލްހާ އީދު އުފާ ފާޅުކުރުމުގެ ގޮތުން މާލެއާއި ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި "އީދުހަވީރު 1446″ގެ ގައުމީ ހަރަކާތްތައް ކުރިއަށްގެންދަން ނިންމާފައިވާއިރު މި ހަރަކާތްތައް އަންނަ ހުކުރު ދުވަހުން ފެށިގެން ތިން ދުވަސް ވާންދެން ކުރިއަށްގެންދާނެ ކަމަށެވެ.
މި ތިން ދުވަހު، "އީދުހަވީރު 1446″ގެ ހަރަކާތްތައް ކުރިއަށްދާނީ ހަވީރު 16:00އިން 18:00އަށެވެ. އަދި، ރޭގަނޑު ބައެއް ސްޓޯލްތައް، ރޭގަނޑު 20:30އިން ފެށިގެން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު ގައުމީ ދިފާއީ ބާރުން އިންތިޒާމްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ އީދުގެ ހަރަކާތްތައް އޮންނާނީ، މާލޭގައި ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި، ހުޅުމާލޭ ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހަރަކާތްތައް އިންތިޒާމްކޮށްފައި ވަނީ ސްޓޯލްތަކުން ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނޭ ގޮތަށް، އަދި އެކި އުމުރުފުރާގެ ކުދިންނާއި މީހުން ވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމަނައިގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެގޮތުން، މި ހަރަކާތްތަކުގައި، ރާއްޖޭގެ އިހުގެ ސަގާފަތާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ވަނީ ހަމަޖެހިފައި ކަމަށާއި އަދި ޒަމާނީ ކެރެކްޓާތައް ފިއުޝަންގޮތަށް ވެސް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ހަމައެހެންމެ ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އިރު، އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމްތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން، ހަމައެހެންމެ ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ކަންކަން ހިމަނައިގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އީދުހަވީރުގައި، ގައުމީ ދިފާޢީ ބާރުގެ ފަރާތުން ހާއްސަ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ
. މީގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި، އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދީ ބޭންޑުގެ ހަރަކާތްތައް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ، އަދި ފޯމްބާތް ޕޫލަކާއި ފެންކުޅީގެ އެކި ހަރަކާތްތައް ވެސް ކުރިއަށްގެންދަން ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.