ކުރީގެ ރައީސް މުޙަންމަދު ނަޝީދު، 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ވިސްނުންފުޅު ފާޅު ކުރެއްވުމާއެކު، ކުރީގެ ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް އެދިވަޑައިގަތީ ރައީސް ނަޝީށް ކާމިޔާބަށެވެ.
ނަޝީދު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޚަބަރެއް ފައިސަލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޝެއާރ ކުރެއްވުމަށްފަހު، ރައީސް ނަޝީދަށް ކާމިޔާބަށް އެދިވަޑައިގެން ކުރު މެސެޖެއް ފުރަތަމަ ލިޔުއްވި ނަމަވެސް، މިހާރު އެ ޕޯސްޓު ވަނީ އެޑިޓް ކުރައްވައި އެމެސެޖު ފުހެލައްވާފައެވެ. ނަމަވެސް އެ ޚަބަރު އަދިވެސް ފައިސަލްގެ ފޭސްބުކް ޕޭޖުގައި ޝެއާރ ކުރައްވާފައި އެބައިނެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރެއްވި ފަހުން ރައީސް ނަޝީދާ ގުޅޭ ބަޔެއް ޕޯސްޓް ފައިސަލް ޝެއާރ ކުރައްވާކަން ފާހަގަ ކުރެވެއެވެ. ޓޫރިޒަމް މިނިސްޓަރު ކަމުން ރައީސް މުއިއްޒު، ފައިސަލް ވަކިކުރެއްވި ސަބަބު ހާމަ ނުކުރެއްވި ނަމަވެސް، ރައީސް މުއިއްޒާއި ފައިސަލްގެ ބައްޕާފުޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުއްރަޙީމްގެ ގުޅުން ވަނީ ގޯސްވެފައެވެ.
ނަޝީދު މިއަދު ވަނީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާކަން ހާމަ ކުރައްވާފައެވެ. އެމްޑީޕީގެ ބަޔެއް އިސްބޭފުޅުންނަށް ނަޝީދު ވަނީ އެ ވިސްނުންފުޅަށް ޚިޔާލެއް ދެއްވުން އެދި މެސެޖެއް ކުރައްވާފައެވެ.