ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ވަކި ފަރާތްތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދިން މައްސަލަ އާ ގުޅިގެން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އޭރު އެ މިނިސްޓްރީގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކަށް ދައުވާ ކުރަން ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4،000 ފްލެޓު ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެ ކޮމިޝަނާއި ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެކިގަރީނާއިން އެނގޭތީ ކަމަށެވެ. އެ މައްސަލައިގައި ހައުސިން މިނިސްޓްރީގެ ހަތަރު ވެރިއަކަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން މައްސަލަ ފޮނުވީ މިއަދެވެ.
ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ:
ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން
ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް
ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގާމް ވަހީދު
ކުރީ ސަރުކާރާއި މި ސަރުކާރުގައި ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނެވި އަހްމަދު ވިޝާން ނަސީމް
އޭސީސީން ބުނި ގޮތުގައި މި މައްސަލައިގެ ތަހުގީގުގައި ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ފިޔަވައި އެހެން އިތުރު ކުށްތައް މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެ ކުށްތައް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުންދާ ކަމުގަ އެވެ.