މި އަހަރު ފާހަގަކުރާ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އިންޑިޔާގެ މީޑިޔާ ތަކުން ބުނެފިއެވެ.
އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރާއިރު، އިންޑިޔާގެ ބަޔެއް މީޑިޔާ ތަކުން ބުނެފައި ވަނީ ދާދިފަހުން ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި، މޯދީ ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ބޮޑުވަޒީރު މޯދީއަށް އެރުއްވި ކަމަށެވެ. އެއީ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަތުމުގެ ދައުވަތެވެ.
ނަމަވެސް އިންޑިޔާ ސަރުކާރުން ރަސްމީކޮށް މިކަމާބެހޭ ގޮތުން އަދި ވަކި އެއްޗެއް ނުބުނެއެވެ. އެކަމަކު އިންޑިޔާގެ މީޑިޔާ ތަކުން ބުނެފައި ވަނީ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި މޯދީ ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެކަމަށް އިންޑިޔާއިން ވިސްނަމުންދާ ކަމަށެވެ.
މޯދީ ރާއްޖެ ވަޑައިގަތުމަށް ރާއްޖެއިން ދައުވަތު ދެއްވާފައިވާއިރު، ދާދިފަހުން އިންޑިޔާގެ ދައުވަތަކަށް ރައީސް ޑރ. މުޙަންމަދު މުއިއްޒުވެސް ވަނީ އިންޑިޔާއަށް ވަޑައިގެންފައެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، ރާއްޖެއާއި އިންޑިޔާގެ ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެއީ ރިޔާސީ ކެމްޕޭނުގެ ދުވަސްވަރު، މިހާރުގެ ސަރުކާރަށް ނިސްބަތްވާ ބޭފުޅުން އިދިކޮޅުގައި ތިއްބަވައިގެން އިންޑިޔާ އާއި ބޮޑުވަޒީރު މޯދީއާ ދިމާކޮށްލާފައިވާތީއެވެ. ނަމަވެސް ރާއްޖެ އާއި އިންޑިޔާގެ ނުތަނަވަސްވެފައި އޮތް ގުޅުން މަޑުމަޑުން މިހާރު ދަނީ ހަމައަކަށް އެޅެމުންނެވެ.