ފޮޓޯ: ދަ ސްޓޭންޑާޑްސް
ފޮޓޯ: ދަ ސްޓޭންޑާޑްސް

ފުލުހުން ރަސްމީކޮށް އެދިއްޖެނަމަ ތަހުގީގަށް އެއްބާރުލުން ދޭނަން: އާއިލާ

ފުލުހުން ރަސްމީކޮށް އެދިއްޖެނަމަ ތަހުގީގަށް އެއްބާރުލުން ދޭނަން: އާއިލާ

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު މައްސަލައިގެ ތަހުގީގަށް އޭނާގެ ބަޔާން ނެގުމަށް، އޭނާއާ ސުވާލު ކުރުމަށް ރަސްމީކޮށް ފުލުހުން އެދިފައިނުވާ ކަަމަށް ޔުމްނުގެ އާއިލާއިން ބުނެފިއެވެ.

އެކްޓިން ޕޮލިސް ކޮމިޝަނަރު ޑެޕިޔުޓީ ޕޮލިސް ކޮމިޝަނާ އިސްމާއިލް ނަވީންއަށް މިއަދު ފޮނުވި ސިޓީއެއްގައި، ބަޔާން ނެގުމަށް ރަސްމީކޮށް ފުލުހުން އެދިފައިނުވާ ކަމަށް ޔުމްނުގެ އާއިލާގެ ފަރާތުން ބުނެފައި މިވަނީ، އެކަމަށް ޔުމްނުގެ އާއިލާގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ، މެލޭޝިޔާ ފުލުހުންގެ އެހީގައި ބަޔާން ނަގަން ފުލުހުން ނިންމުމާއި ގުޅިގެންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޔުމްނުއާ ސުވާލު ކުރުމުގެ އިންތިޒާމު އާއިލާގެ އެއްބާރުލުން ލިބުމާއެކު ހަމަޖެއްސުމަށް ވަނީ ތައްޔާރުވެފައި ކަމަށެވެ. އެގޮތުން ޔުމްނު އިތުރު ފަރުވާއަށް މެލޭޝިޔާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހުން މެލޭޝިޔާގައި ތިބި ވާހަކަ މައުލޫމާތަށް ޓަކައި ދަންނަވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއްކަމަށް ވެސް ފުލުހުން ބުންޏެވެ.

"މިއަދާ ހަމައަށް، ތަކުރާރުކޮށް މުއާމަލާތު ކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް، އަނިޔާ ލިބުނު އަންހެން މީހާގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާކަން ފާހަގަކުރަމެވެ" ފުލުހުން ބުންޏެވެ.

އަދި ޔުމްނުގެ ސިއްހީ ހާލަތާގުޅޭ ގޮތުންވެސް ފުލުހުންނާ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާ ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލް ބަދަލު ކުރިއިރުވެސް ފުލުހުންނަށް އެ މައުލޫމާތު ހިއްސާކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގު ޓީމުން މިއަދާ ހަމައަށް މަސައްކަތް ކުރަމުން ދިޔައީ އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދުގައި ކަމަށް ފުލުހުން ބުންޏެވެ.

"ނަމަވެސް، އެއްބާރުލުން ލިބިފައި ނުވާތީ މެލޭޝިޔާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ޓަކައި މެލޭޝިއާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ވާހަކަ ދަންނަވަމެވެ" ފުލުހުން ބުންޏެވެ.

ފުލުހުންގެ ވާހަކަތައް ދޮގުކޮށް ޔުމްނުގެ އާއިލާއިން ނަވީންއަށް ފޮނުވި ސިޓީގައި ވަނީ، ފުލުހުންގެ ބަޔާނުގައި ވަނީ ސައްހަ މައުލޫމާތު ނޫން ކަމަށެވެ.

އެއީ ކަންހިނގި ގޮތާ ކަނޑައެޅިގެން ހިލާފު މައުލޫމާތު ކަމަށާއި މައްސަލައިގެ ތަހުގީގެއް ނުހިންގައި، ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ބުނީ ވަކި މަގުސަދެއްގައި ކަމަށް ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.

އަދި، ތަހުގީގުގެ އެންމެ ނާޒުކު ދަނޑިވަޅުގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތުން އިންސާފުވެރި ކަމާއެކު ތަހުގީގު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ނެތް ކަމަށާއި ރާއްޖޭގެ ގާނޫނާއި ގަވާއިދަށް ތަބާވުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ އެއްވެސް ތަހުގީގަކަށް އާއިލާގެ ފަރާތުން ހުރަސް އަޅާފައި ނުވާނެ ކަމަށާއި، އަދި ހުރަސް ނާޅާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޔުމްނުގެ ބަޔާނެއް ނެގުމަށްޓަކައި ރަސްމީކޮށް ލިޔުމުން އަންގައިފި ނަމަ، އެކަމަށް އެ ފަރާތުން ޖަވާބުދާރީ ވާނެކަން ފާހަގަކޮށް، ޔުމްނުއަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން އޭނާ މިވަގުުތު އޮތީ ތަހުގީގަށް ބަޔާން ދެވޭފަދަ ހާލަތެއްގައި ނޫންކަން ޑޮކްޓަރުންގެ ރަސްމީ ލިޔުން ތަކުން އެނގެން އޮތް ކަމަށްވެސް ބުނެފައިވެއެވެ.

އާއިލާއިން ބުނެފައި ވަނީ މިވަގުތު އެންމެ ބޮޑު މަސްލަހަތެއް އޮތީ ޔުމްނުއަށް އެކަށީގެންވާ ފަރުވާ ލިބިދީ، އޭނާ އަށް އިންސާފު ހޯދަން މަސައްކަތް ކުރުމަށް ކަމަށާއި އެކަމުގައި ފުލުހުންނަށް ދޭންޖެހޭ އެއްބާރުލުން ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *