ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުން ދާދި ދެންމެއަކު ފާސްކޮށްފި އެވެ.
ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނީ މަސާޖު ޕާލާއަކުން އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
އެ މައްސަލަ ބެލުމަށް ފަހު ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލިހަށް ފޮނުވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ.
މައްސަލަ އާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ސިއްރުން ކުރިއަށް ގެންދިޔަ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއްގައި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ މެމްބަރުންގެ ވޯޓުން ފާސްކުރީ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށެވެ. އަދި އެ ގޮތަށް މަޖިލިހުގެ ތަޅުމަށް ބަހުސްކޮށް ވޯޓަށް އެހުމަށް ފޮނުވުމަށެވެ.
ކޮމިޓީ ސިއްރުކުރުމުން އެ ކޮމިޓީގައި ތިއްބެވި އިދިކޮޅު އެމްޑީޕީގެ ދެ މެމްބަރުން އެ ދުވަހު ކޮމިޓީ ބޮއިކޮޓް ކުރެއްވި އެވެ.
މައްސަލަ ދިރާސާކުރި ޖުޑީޝަރީ ކޮމިޓީއަށް މަޖިލިހުގެ ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާގެ ގާނޫނީ ލަފާ ވަނީ ފޮނުއްވާފަ އެވެ. ކޮމިޓީން އެކުލަވާލި ރިޕޯޓުގައި އެ ލަފާ ހިމަނާފައިވެ އެވެ. ލަފާގައި ފާހަގަކުރައްވާފައި ވަނީ ޖޭއެސްސީގެ ގާނޫނުގައި އެ ކޮމިޝަނަށް ހުށަހަޅާ މައްސަލައެއް ބަލަން ގޮތެއް ނިންމުމަށް އޮންނަ މަރުހަލާތައް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ.
ފިލްޒާ ލަފާ އެ ގޮތަށް ދެއްވި ނަމަވެސް ކޮމިޝަނުގެ ރިޕޯޓު ތަޅުމަށް ފޮނުވަން ފާސްކުރީ އެ ރިޕޯޓު ރަނގަޅު ކަމަށް ކަނޑައަޅާފައި ކަމަށް ޖުޑީޝަރީ ކޮމިޓީން ވަނީ ނިންމާފަ އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ ފަނޑިޔާރުން ވަކިކުރުމާ މެދު ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު އިއްވައި ބަހުސްކުރުން ކުރިއަށް ގެންގޮސްފަ އެވެ.
ބަހުސްއަށް ފަހު ފަނޑިޔާރުން މަގާމުން ވަކިކުރަން ވަކިވަކިން ނެގި ވޯޓުގައި އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރަން 68 މެމްބަރަކު ވޯޓު ދެއްވި އެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ އެމްޑީޕީއަށް ނިސްބަތްވާ 11 މެމްބަރުންގެ އިތުރުން އައްޑޫމީދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުއްރަހްމާނެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން އެގޮތަށް އެދި މަޖިލިހަށް ފޮނުވައި ތަޅުމުން ނަގާ ވޯޓަކުން ކަމަށްވާއިރު، މިއަދު ނެގި ވޯޓާ އެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަޒްމިރަލްދާ އާއި މަހާޒު ވަނީ ވަކިވެފަ އެވެ.
ދެ ފަނޑިޔާރުންގެ މައްސަލަ
އިސްމާއީލް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ޖޭއެސްސީން ފަށާފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ. އެ މައްސަލަ އާ ގުޅިގެން ދެ ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް މައްސަލަ ތަހުގީގުކުރި ކޮމިޓީން ވަނީ ނިންމާފަ އެވެ.
ކޮމިޓީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓާ މެދު ގޮތް ނިންމުމަށް ޖޭއެސްސީން ބޭއްވި ބައްދަލުވުމުގައި ކޮމިޝަނުން ނިންމީ އެ ކޮމިޓީން ބެލި އަޒްމިރަލްދާ އާއި މަހާޒުގެ ސުލޫކީ މައްސަލައިގެ ރިޕޯޓު ބަލައިގަތުމަށާއި އެ ރިޕޯޓުގައި ބަޔާންކުރާ ފިޔަވަޅުތައް ފަނޑިޔާރުންގެ މައްޗަށް އެޅުމަށެެވެ.
ރިޕޯޓުގައި ވަނީ އިސްމާއީލް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް ބަންދުގެ މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހީމް ޒިހުނީއަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުއްވިކަން ސާބިތުވާ ކަަމަށް ކަނޑައަޅާފަ އެވެ. އެކަމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި އަޒްމިރަލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލިހަށް ހުށަހަޅަން މައްސަލަ ބެލި ކޮމިޓީން ވަނީ ނިންމާފަ އެވެ.
ޖޭއެސްސީން މައްސަލަ ބަލާފައި ވަނީ އޮންނަ އުސޫލާ ހިލާފަށް ކަަމަށް ވިދާޅުވެ، މަޖިލިހަށް ހާޒިރުވެވަޑައިގެން ކަންބޮޑުވުންތައް ހިއްސާކުރެއްވުމުގެ ފުރުސަތަކަށް އަޒްމިރަލްދާ އާއި މަހާޒު ވެސް ވަނީ އެދިވަޑައިގެންފަ އެވެ. ދެ ފަނޑިޔާރުންގެ އިތުރުން ކޮމިޓީއަށް ހާޒިރުވެ ކަންބޮޑުވުން ހިއްސާކުރަން ބާ ކައުންސިލުން ވެސް ވަނީ ފުރުސަތަކަށް އެދިފަ އެވެ.
މައްސަލައިގައި އަމަލުކުރަމުންދާ ގޮތާ މެދު އދ. އާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުންނާއި އެކި ގައުމުގެ ބާ އެސޯސިއޭޝަންތަކުގެ އިތުރުން ރާއްޖޭގެ ގާނޫނީ ވަކީލުންނާއި ސިޔާސީ ޕާޓީތަކުންނާއި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް މަޖިލިހުން ކުރިއަށް ގެންދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ވަނީ އިއްޔެ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ވަނީ މަގާމުން ވަކިކުރުމުގެ ކުރިން ހާމަކަމާ އެކު ކުރިއަށް ގެންދެވޭ އިޖުރާއަތުގެ ތެރެއިން، އަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް، ޖަވާބުދާރީވުމުގެ އެކަށީގެންވާ ފުރުސަތު އެ ފަނޑިޔާރުންނަށް ފަހިކޮށްދިނުމަށް ގޮވާާލާފަ އެވެ.
މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ދެ ފަނޑިޔާރުންގެ އިތުރުން ހުސްނުއްސުއޫދު ވެސް ސަސްޕެންޑްކުރި އެވެ. އޭނާ ވަނީ މާޗް 4 ވަނަ ދުވަހު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން އަޒްމިރަލްދާ އާއި މަހާޒު ވަކިކުރިއިރު، މަޖިލިހަށް ހުށަހަޅައިގެން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މީގެކުރިން ވެސް ވަނީ ވަކިކޮށްފަ އެވެ.