ޑެޕިއުޓީ ގަވރުނަރަކަށް އަސްނާ އައްޔަން ކުރަން ފާސްކޮށްފި

ޑެޕިއުޓީ ގަވރުނަރަކަށް އަސްނާ އައްޔަން ކުރަން ފާސްކޮށްފި

މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރު ކަމުގެ މަގާމަށް، ގ. ސިލްވަރުގެ އާގެ އާއިޝަތު އަސްނާ ހަމްދީގެ އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އޭނާ ޑެޕިއުޓީ ގަވަރުނަރަކަށް އައްޔަން ކުރެއްވުމަށް ނިންމަވައި، މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

އެކަމަށް އެދިވަޑައިގެން ރައީސް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އެ ދުވަހުގެ ޖަލްސާއަށް އިއްވުމަށްފަހު އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވިއެވެ. މިމަހުގެ 7 ވަަނަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އަސްނާއަށް މަޖިލީހުން ރުހުންދޭން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހައި ޖަލްސާގައި ތިއްްބެވި 74 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 73 މެމްބަރުންގެ އިއްތިފާގުން އޭނާ އެ މަގާމަށް އަޔަން ކުރަން ފާސްކުރިއެވެ.

އަސްނާ ހުންނެވީ އެމްއެމްއޭގެ ފައިނޭންޝަލް ސެކްޓާރ ޑިވެލޮޕްމެންޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އޭގެ ކުރިން އެމްއެމްއޭގެ ސީނިއާ މެނޭޖަރެއްގެ މަގާމުވެސް އޭނާ އަދާކުރެއްވިއެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު މާޗު 17 ގައި އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މަސައްކަތަށް ހުރަސް އަޅައި, އޭނާގެ އެއްބާރުލުން ނުލިބޭ ކަމަށްބުނެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *