ރާއްޖެ ޑީޖިޓަލައިޒް ކުރުމުގެ ނަމުގައި ސަރުކާރުން އުޅެނީ އިލެކްޓްރޯނިކް ވޯޓިންގ ތައާރަފްކޮށް، އިންތިޚާބުތައް އޮޅުވާލަން ކަމަށް ކުރީގެ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހްލޫފު ދެއްކެވި ވާހަކައަށް މި ސަރުކާރުގެ ހޯމް މިނިސްޓަރ އަލީ އިހްސާން ރައްދު ދެއްވައިފިއެވެ.
މަހްލޫފްގެ ވާހަކައަށް ރައްދު ދެއްވައި އިހްސާން ވިދާޅުވީ، ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ފަހަތުގައި އޮތީ ރަނގަޅު ރަނގަޅު ބަދަލުތަކެއް ގެނައުން ކަމަށެވެ. އެގޮތުން އެކަމުގެ ފަހަތުގައި އޮތީ ސަރުކާރުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމާއި، ސަރުކާރުގެ ޚަރަދު ކުޑަކުރުމާއި ސަރުކާރުންދޭ ޚިދުމަތްތައް އަވަސް ކުރުން ކަމަށެވެ.
އިހްސާން ވިދާޅުވީ، ރާއްޖެ ޑިޖިޓަލް ކުރަނީ އެ ދާއިރާގައި އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ އެސްޓޯނިއާގެ ފަންނީ އެހީތެރިކަމާއެކުގައި ކަމަށެވެ.
ޑިޖިޓަލައިޒް ކުރުމުގެ ރަސްމިއްޔާތު އިފްތިތާހު ކުރުމާއި ގުޅިގެން މަހްލޫފް ވިދާޅުވެފައި ވަނީ ސަރުކާރުން އުންމީދު ކުރަނީ އީވޯޓިންގ ތައާރަފް ކުރުމަށް ކަމަށެވެ. އަދި އެ ނިޒާމުގެ ތެރެއިން އިންތިޚާބުތައް އޮޅުވާލަން ކަމަށެވެ. އަދި ވޯޓާ ކުޅުމުގެ ފުރުޞަތު ނުދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.