ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަދާ ޒާހިރާއި މަހާޒް އަލީ ޒާހިރު، މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
އެ ދެބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮޝަން (ޖޭއެސްސީ)ން އިއްޔެ ވަނީ ނިންމައިފައެވެ.
އެ މައްސަލައަށް މަޖިލީހުން ގޮތެއް ނިންމެވުމަށް އެދިވަޑައިގެން ޖޭއެސްސީގެ ރައީސް އަދި މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސެއިން އާދަމް ރިސާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އަށް ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވުމުން، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮޮމީޓީއަށް ނިންމެވިކަން މަޖިލިސް ރައީސް އިއުލާން ކުރެއްވިއެވެ.
އިއްޔެ މެންދުރު ޖޭއެސްސީން ބޭއްވި ބައްދަލުވުމެއްގައި ވަނީ އެ ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ ބަލާ ކޮމިޓީން ބެލި ސުލޫކީ މައްސަލައިގެ ރިޕޯޓް ބަލައިގަނެ، އެ ރިޕޯޓުގައި ބަޔާންކުރާ ފިޔަވަޅު ފަނޑިޔާރުންގެ މައްޗަށް އެޅުމަށް ނިންމައިފައެވެ.
އެ ދެބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރަން ކޮމިޓީން ނިިންމާފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން އިސްމާއީލް ލަތީފުގެ ބަންދާ މެދު ކުރިމިނަލް ކޯޓުން ނެރުނު އަމުރަކަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައެވެ.
އެ މައްސަލައަށް މަޖިލީހުން ގޮތެއް ނިންމާނީ އެ މައްސަލަ ޖުޑީޝަރީ ކޮމިޓީން ތަހުގީގުކޮށް އެ ކޮމިޓީން ނިންމާ ގޮތުގެ ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހެޅުމުން، އެއަށް މަޖިލިސް ތަޅުމުގައި ބަހުސް ކުރުމަށްފަހުގައެވެ.
ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ، މި އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑް ކޮށްފައެވެ. ފަނޑިޔާރު ކަމުން ސަސްޕެންޑް ކޮށްފައިވަނިކޮށް ހުސްނުއްސުއޫދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ޖޭއެސްސީން އެ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ތިން ފަނޑިޔާރުންނާ ގުޅޭ ގޮތުން މައްސަލައެއް ބަލަމުންދާތީ ކަމަށެވެ. އެ ފަހުން ޖޭއެސްސީން ވަނީ އެ ކޮމިޝަނުންވެސް އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ހާމަކޮށްފައެވެ.
ޖޭއެސްސީން އަޒްމިރަލްދާ އާއި މަހާޒުގެ ދެ މައްސަލައެއް ބަލަމުންދާ އިރު، އެއް މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތެވެ. އަނެއް މައްސަލައަކީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފު ސުޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހުގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެވެ.
ފަނޑިޔާރު އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒް ވަނީ އެ ތުހުމަތުތަކަށް އިންކާރުކުރައްވައިފައެވެ.