ރާއްޖެ ޑިމޮކްރަސީއަށް ކުރަމުންދާ ދަތުރުގައި ޑިމޮކްރެޓިކް ހަމަތައް ހިފެހެއްޓުމުގައި ދިވެހި ނޫސްވެރިން ކޮށްފައިވަނީ ބުރަ މަސައްކަތެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ނޫސްވެރިންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން އިބޫ ވިދާޅުވީ، ނޫސްވެރިކަމުގައި ރާއްޖެ ހޯދާފައިވާ ކުރިއެރުން ފަހަތަށް ހިނގައިދާނެ ކަމުގެ މިވަގުތު އެބައޮތް ކަމަށެވެ. ނަމަވެސް ނޫސްވެރިކަމުގައި ފަހަތަށް ސޮހިގެން ދިޔަނުދީ، ނޫސްވެރިން ތެދު ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ފަސްޖެހުމެއް ނެތި ތިބުމަށް އިބޫ އެދިވަޑައިގެންނެވިއެވެ.
އިބޫ ވިދާޅުވީ، މިއީ ނޫސްވެރިން އިތުރު ހިތްވަރެއްލައި، ކަންކަމުގެ ހަގީގަތް ހޯދައި، ނޫސްވެރިކަމުގައި ސާބިތުކަމާއެކު ތިބުން މުހިންމު ވަގުތެއް ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 3 ވަނަ ދުވަހެވެ.