މުޒާހަރާކުރާއިރު މަގުތަކުގައި އަޑުގަދަނުކޮށް ހިޔާލުފާޅުކުރަން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ގޮވާލައިފި އެވެ.
އެ ކޮމިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ރާއްޖޭގެ ގާނޫނުއަސާސީން އަދި މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އައިސީސީޕީއާރް)އިން ކަށަވަރުކޮށްދީފައިވާ ސުލްހަވެރި އެއްވުންތަކުގައި ގިނަ ޒުވާނުން ބައިވެރިވުން ބަލައިގަންނަ ކަމަށެވެ. އަދި ބުނީ ޒުވާނުން އިސްވެ މިދިޔަ މަހުގެ 23 އިން ފެށިގެން މަޖީދީމަގުގައި ކުރަމުންދާ މުޒާހަރާތަށް މޮނިޓާ ކުރަމުންދާ ކަމަށެވެ.
އެޗްއާރްސީއެމުން ބުނީ އެ މުޒާހަރާތައް މޮނިޓާ ކުރަމުންދާ ކަމަށެވެ.
”ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ރައްޔިތުންނަށް ދީފައިވާއިރު، ހައްގުގެ ބޭނުން ކުރުމުގައި އެއްބަޔަކު އަނެއްބައެއްގެ ހައްގަށް އަރައިނުގަނެ ހައްގުތަކަށް އިހުތިރާމްކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށްޓަކައި މުހިންމުކަމެކެވެ“ އެޗްއާރްސީއެމުން ބުންޏެވެ.
”މި ދުވަސްވަރަކީ ޖީސީއީ އޯލެވެލް އިމްތިހާނު ދުވަސްވަރުކަމުން، މަގުތަކުގައި އަޑުގަދަނުކޮށް މިފަދަ އެއްވުންތަކުގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ އިމުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ކޮމިޝަނުން އިލްތިމާސްކުރަމެވެ. އަދި އާންމު އިޖްތިމާއީ މިންގަނޑާއި ހިލާފު ނުވާނެހެން މުޒާހަރާ ކުރިއަށް ގެންދިއުމަށް މި ކޮމިޝަނުން ގޮވާލަމެވެ“
މީގެ އިތުރުން އެޗްއާރްސީއެމުން ބުނީ މުޒާހަރާ ރޫޅާލާއިރު ގާނޫނާއި ގަވާއިދު އިޖުރާއަތްތައް ފުރިހަމަކުރަން ފުލުހުންނަށް އަންގާ ކަމަށެވެ.