އެމްޓީސީސީގެ ކުރީގެ ސީއީއޯއާއި އިސްވެރިންތަކެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އެމްޓީސީސީގެ ކުރީގެ ސީއީއޯއާއި އިސްވެރިންތަކެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ، ދެ ޓަވަރު އެޅުމުގެ ޕްރޮޖެކްޓާ ގުޅިގެން އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގައި ނިމިގެން ދިޔަ ސަރުކާރުގައި އެ ކުންފުނީގެ ސީއީއޯގެ މަގާމު އަދާކުރެއްވި ހަސަން ޝާހުއާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރަން އޭސީސީން އިއްޔެ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން މިރޭ ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން އެ މައްސަލައިގައި ދައުވާކުރަން ދެން ފޮނުވީ

  • އެމްޓީސީސީގެ ޖެނެރަލް މެނޭޖަރުގެ މަގާމާއި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރެއްގެ މަގާމުގައި އޭރު ހުންނެވި ޝިފާއު އަލީ، ހ.ފެއަރީޕެލަސް/ މާލެ،
  • އެމްޓީސީސީގެ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރުން ގޮތުގައި ތިއްބެވި ތިބި ހުސެއިން ޒުހުރީ (ށ. ކޮމަންޑޫ/ ޕާކީޒާ)، މުހައްމަދު ނާޒިމް (މ.ޕޮމްޕިޔާ / ކ.މާލެ) އަދި އިސްމާއިލް އަދުހަމް (ގ.ނިލަ / ކ.މާލެ) ގެ މައްޗަށް

އޭސީސީން ބުނީ އެމްޓީސީން ދެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދަންކުރި އިއުލާނާ ގުޅިގެން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ހިލާފަށް ޕޮއިންޓް ދީ، އެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކޮށް، އެ ކުންފުނިން އެއްބަސްވުން ހިލާފުތަކެއްވި ނަމަވެސް އެއްބަސްވުން ބާތިލުކުރުމުގެ ބަދަލުގައި އެ ކުންފުންޏަށް "އެޑްވާންސް ޕޭމެންޓާއި" "ޕްރޮގްރެސިވް ޕޭމެންޓު"ތައް ދޫކުރި ކަމަށެވެ.

އަދި މަސައްކަތް ހަވާލުކުރި ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކޮށްފައި ނުވާއިރު، އެ އެއްބަސްވުން ބާތިލުވެސް ނުކުރާއިރު އެކަންކަމާ ހުރެ އެމްޓީސީސީއަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އޭސީސީން ފާހަގަކުރި އެވެ.

އެ މައްސަލައިގައި ދައުވާކުރަން ފޮނުވި އެންމެންގެ މައްޗަށް ދެ ދައުވާއެއް ކޮށްދިނުމަށް އެދިފައި ވެއެވެ.

އޭގެ ތެރޭގައި

  • ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ
  • ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާ

އަދި ޝިފާއުގެ މައްޗަށް ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ ވެސް ކޮށްދޭން އެދިފައި ވެއެވެ.

އެ މައްސަލާގެ އެމްޓީސީސީއަށް މާލީގޮތުން ގެއްލުމުގެ ގޮތުގައި ލިބުނު 39.2 މިލިއަން ރުފިޔާގެ ގެއްލުމުގެ އިތުރުން، ލިބިފައިވާ އިތުރު މާލީ ގެއްލުން ހިސާބުކޮށް، އެ ފައިސާ ހޯދުމަށް ވެސް އޭސީސީން ވަނީ އެމްޓީސީސީއަށް އަންގައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *