ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހުގެ ސަރުކާރުން ދޫކުރި 4،000 ފްލެޓް، އަލުން ބަލައި މި ސަރުކާރުން އެ ފްލެޓްތައް އަލުން ލިބޭ މީހުންގެ ލިސްޓު ނެރުމުން 8،000 އަށްވުރެގިނަ ޝަކުވާ ހުށަހަޅައިފިއެވެ.
ޝަކުވާ ހުށަހެޅުމުގެ މުއްދަތު ރޭ ދަންވަރު 12 ޖެހިއިރު ހަމަވީއިރު މި ވަނީ ހުރި ފްލެޓްތަކުގެ ދެގުނައަށްވުރެގިނަ ޝަކުވާ ހުށަހަޅާފައެވެ. ހައުސިންގ މިނިސްޓްރީން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ ހުސްވި ފެބްރުއަރީ މަހުގެ ފަހުކޮޅުއެވެ. ހައުސިންގ މިނިސްޓްރީން ބުނީ 4،000 ފްލެޓަށް، 8،602 މީހުން ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
ހައުސިންގ މިނިސްޓްރީން ބުނީ ޝަކުވާ ހުށަހަޅާފައި ވަނީ ޕޯޓަލް މެދުވެރިކޮށާއި އީމެއިލް މެދުވެރިކޮށާއި، ސީދާ މިނިސްޓްރީގެ ކައުންޓަރަށް ޝަކުވާ ފޯމު ހުށަހަޅައިގެން ކަމަށެވެ. އެގޮތުން އެންމެގިނައިން ޝަކުވާ ހުށަހަޅާފައި ވަނީ ޕޯޓަލް މެދުވެރިކޮށެވެ. އެއީ 5،236 ޝަކުވާއެވެ. އީމެއިލުން 2،840 ޝަކުވާ ހުށަހަޅާފައިވާއިރު، މިނިސްޓްރީގެ ކައުންޓަރަށް ލާފައި ވަނީ 526 ޝަކުވާއެވެ.
ޝަކުވާ ހުށަހަޅާފައިވާ މީހުންގެ ތެރޭގައި ފްލެޓް ލިސްޓު އަލުން ނެރުނުއިރު، ފްލެޓް ނުލިބުނު މީހުންނާއި، އެހެނިހެން އާންމު ރައްޔިތުންގެ ޝަކުވާވެސް ހިމެނޭ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ސަރުކާރުން އަލުން ފްލެޓް ލިސްޓް ނެރުނުއިރު، ކުރިން ފްލެޓް ލިބުނު 4،000 މީހުންގެ ތެރެއިން ޝަރުތު ހަމަވާކަމަށް ނިންމައި ލިސްޓުގައި ޖަހާފައިވަނީ އެންމެ 1،820 މީހުންނެވެ. އޭގެ ތެރޭގައި 3 ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.