ފެނަކައިގެ ޕެޓީކޭޝްއަށް ހިޔާނަތްތެރިވި ތިން މީހަކަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން މިދިޔަ ބުރާސްފަތި ދުވަހު ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.
ފެޓީކޭޝް ނަހަމަގޮތުގައި ބޭނުންކުރި މައްސަލައިގައި ދައުވާކުރަން ފޮނުވި މީހުން
- ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުރި އަހުމަދު ސާތިޝް (ހަސީނީވިލާ، ސ.ފޭދޫ)
- ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ސީނިއާ އިންޖިނިއަރުގެ މަގާމުގައި ކުރިން ހުރި މުހައްމަދު އާސިދު (ނިރޮޅުމާގެ، ތ.ތިމަރަފުށި)
- ފެނަކައިގެ ސުޕަވައިޒަރެއްގެ މަގާމުގައި ކުރިން ހުރި ހުސެއިން އާސިރު (ފަޅޯމާގެ، ސ.ފޭދޫ)
އޭސީސީން މިރޭ ބުނީ އެ ތިިން މީހުންވެސް އަމިއްލަ ބޭނުންތަކަށް ނަހަމަގޮތުގައި ބޭނުންކުރީ ފެނަކައިގެ އައްޑޫ ސިޓީ، ސ.ހިތަދޫ ސެންޓްރަލް ޕަވަރ ސްޓޭޝަން (ސީ.ޕީ.އެސް) ޕްރޮޖެކްޓުގެ ޕެޓީކޭޝް ކަމަށެވެ.
އޭސީސީން އެދިފައިވަނީ އެ ތިން މީހުންގެ މައްޗަށް ވެސް ހަތަރު ދައުވާއެއް ކޮށްދިނުމަށެވެ. އޭގެ ތެރޭގައި
- ކުށެއްކުރަން އެދުމުގެ ކުށުގެ ދައުވާ
- ކުށެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ
- ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ
- ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ
އެ މައްސަލައިގައި 623,208.80 ރުފިޔާ އަނބުރައި ހޯދަން ވެސް އޭސީސީން ވަނީ ފެނަކައަށް އަންގައިފަ އެވެ.
އޭސީސީން އިތުރަށް ބުނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ފޯޖަރީގެ އަމަލުތަކެއް ހިންގާފައިވާކަމަށް ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވޭތީ، އެކަން ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅަން ވެސް ނިންމާފައިވާ ކަމަށެވެ.