ދުންފަތް މަނާވާ އުމުރު ކަނޑައެޅުމާއި ގުޅޭގޮތުން މިއަދު ކެބިނެޓުން ގޮތެއް ނިންމަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ބާއްވާ ކެބިނެޓް ބައްދަލުވުމުގެ ކުރިން ރައީސް އޮފީހުން ހިއްސާކުރި ވީޑިއޯއެއްގައި ރައީސް ވިދާޅުވީ މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކް ސަވޭ 2022 ގައިވާ ގޮތުން ރާއްޖޭގައި ގައިން ގައިން ނާރާ ބަލިތައް ގިނަވުމާއި ނުކުޅެދުންތެރިކަމަށް ހުޅަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށެވެ. އަދި ރާއްޖޭގައި ބަލިތަކާއި ގުޅިން މީހުން މަރުވާ ސަބަބުތަކަށް ބަލާއިރު 84 ޕަސަންޓު މީހުން މަރުވަނީ، ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ގައިންގައިން ނާރާ ބަލިތަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައިގައިން ނާރާ ބަލިތަކާއި ބެހޭ ސަރވޭ 2021 ގައިވާ ގޮތުން 15 އަހަރާއި 29 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން 21.8 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށް ދައްކާ ކަމަށާއެވެ. އެހެންކަމުން އާބާދީގެ 28.1 ޕަސަންޓް ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
”ރާއާޖޭގެ އާބާދީއަކީ 411،741 ދިވެހިން. އެހެންވީމަ މި އާބާދީގެ ތެރެއިން 2007 ޖެނުއަރީ 1 އިން ފެށިގެން މިހާތަނަށް މަރުވި މީހުން އުނިކޮށް ބަލާއިރު ބާކީ އަދަދަކީ، 102،402 މީހުން. މިއީ ރާއްޖޭގެ އާބާދީގެ 30.1 އިންސައްތަ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ މުޅި އާބާދީ އަދި ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން މިޖެހޭ ބަލިތަކުން ސަލާމަތްވުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ. އެގޮތުން ޖެނެރޭޝަނަލް ބޭން އެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ.“ ރައީސް ވިދާޅުވި އެވެ.
އެހެންވެ ”އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައަކީ ދުންފަތުގެ އިސްތިއުމާލު ކޮށްގެން ޖެހޭ ބަލިތައް ޖެހޭ މުޖުތަމައަކަށް ނުހެދުމަށްޓަކާ މަޝްވަރާކޮށްގެން އިރާދަކުރެއްވިއްޔާ ގޮތެއް ނިންމާނަން.“