ކުޅިވަރަށް ޚާއްސަކޮށް ރައީސްގެ ޚާއްސަ މެސެޖެއް

ކުޅިވަރަށް ޚާއްސަކޮށް ރައީސްގެ ޚާއްސަ މެސެޖެއް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަރައްޤީ އާއި ސުލްޙަ ޤާއިމުކުރުމުގައި ކުޅިވަރު އަދާކުރާ ދައުރު ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ދުވަހާ ގުޅިގެން ޚާއްޞަ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުންވެސް ހިއްސާކުރައްވާފައިވާ މި މެސެޖުގައި، އެއްބައިވަންތަކަމާއި ބާރުވެރިކުރުމާއި، ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ކުޅިވަރަށް ލިބިފައިވާ ބާރުގެ ފުރިހަމަ ބޭނުން ހިއްޕަވަން ގަސްދު ކުރައްވާކަން ހާމަ ކުރައްވާފައިވެއެވެ.

މިއަހަރުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވާ "ލެވެލިންގ ދަ ޕްލެއިންގ ފީލްޑް: ސްޕޯޓް ފޯ ސޯޝަލް އިންކްލޫޝަން" ގައި އިޝާރާތްކުރާ އިޖުތިމާޢީ ބައިވެރިވުމަކީ، ކުޅިވަރުކުޅުމުގެ ފުރުޞަތުތައް ލިބުމުގައި، މީހާގެ ޢުމުރަކަށް، ނަޞްލަކަށް، މިންތިއަކަށް ބެލުމެއް ނެތި، ދުޅަހެޔޮ، ހަރަކާތްތެރި ދިރިއުޅުމަކަށް ހަމަހަމަ ފުރުޞަތު ކަށަވަރުކޮށްދިނުމުގައި ސަރުކާރުން ދެކޭ ތަޞައްވުރާ އެއްއުއި ޝިޢާރެއްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މި ފުރުޞަތުތައް ކަށަވަރުކޮށްދެއްވުމުގެ ޢަޒުމުގައި، ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ބަދަލު ކޮށްލާފަދަ މަޝްރޫޢު ތަކެއް މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމުކުރެއްވުމަށް ކުރިއަށް ގެންދަވާ މަސައްކަތުގެ ދަށުން، ޖޯގްރަފީގެ ގޮތުން ފެތުރިފައިވާ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ކަސްރަތު ކުރުމަށް ބޭނުންވާ ވަޞީލަތްތައް ފަހިވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ނަތީޖާއެއްގެ ގޮތުން، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް ޚިޔާރުކުރަން ބާރު ލިބި، އިޖުތިމާޢީ ގުޅުންތައްވެސް ހަރުދަނާވުމަށް، މިކަމުން މަގުފަހިވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖުގައިވަނީ، ކުޅިވަރު ތަރައްޤީކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދުރު ރާސްތާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، 20 އަހަރުގެ ނޭޝަނަލް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ކުޅިވަރު ލާމަރުކަޒުކޮށް، ހުނަރު ކުރިއަރުވައި، ތަމްރީނުގެ ފުރުޞަތުތަކާއި މުބާރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދެވޭނެއެވެ. އަދި އެތުލީޓުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅުނު ކަމުގައިވިޔަސް، އެ ދާއިރާއިން ކުރިއަށްދިއުމުގެ މަގުފަހިވެގެންދާނެއެވެ.

ކުޅިވަރުގެ ސިންދަފާތު އިތުރުކޮށް، ކުޅިވަރުކުޅުމަށް ހަމަހަމަ ކަމާއެކު ފުރުޞަތު ފަހިކޮށްދީގެން، އިޖުތިމާޢީ ފޭރާންވެސް ރަނގަޅުކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުން އެއްބައިވަންތަކޮށް، އިޖުތިމާޢީ ތަފާތުތައް ނައްތާލައި، ބައިވެރިވުން އިތުރުކުރުމުގެ ލާސާނީ ޤާބިލުކަމެއް ކުޅިވަރަށް ލިބިފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނުގެ މެސެޖުގައިވަނީ، ކުޅިވަރު މެދުވެރިކޮށް ޤައުމީ ތަރައްޤީއަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *