ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝައިހް ޑރ. އިލްޔާސް ހުސެއިން އަދި ޝައިހް އިދުރީސް ހުސެއިންގެ މަންމާފުޅު އަވަހާރަވެއްޖެ އެވެ.
އައްޑޫ ސިޓީ ހިތަދޫ/ ދިލްކަޝްގެ، އާއިޝަތުދިޔެ ރޭގެ ވަގުތެއްގައި ނިޔާވި އިރު، އުމުރަކީ 91 އަހަރެވެ.
އިލްޔާސްގެ ދަރިކަލުން އައްމާރު އަލީ މިރޭ ވިދާޅުވީ
އަރަފާތް ހައްޖު އެންޑް އުމްރާ ގުރޫޕުގެ އުމްރާވެރިން ގޮވައިގެން ޝައިހް އިލްޔާސް މައްކާއަށް ވަޑައިގެން ހުންނަވަނިކޮށް މަންމާފުޅުގެ ހާލު ދެރަވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެއްވަން ފެއްޓެވި ކަމަށެވެ.
”ބަލިބޮޑުވެ ހޭވެރިކަންނުވާ ހިސާބަށް މަންމާފުޅުގެ ހާލަތު ދަށްވަމުންދިޔަ ހިނދުވެސް ހޭވެރިކަމެއްވާ ވަގުތެއް ނަމަ ޝައިހް ކޮބައިތޯ ސުވާލު ކުރައްވަމުން ގެންދެވި އެވެ. ދަރިކަލުން އިލްޔާސް ކޮބައިތޯ އާއި ދަރިކަލުން އިލްޔާސް ނާދޭތޯ އާއި މެދު ކުރައްވަމުން ގެންދެވި ސުވާލުތައް ތަކުރާރު ކުރައްވަމުން ގެންދެވުންވީ ޝައިހަށް ފުން ހިތާމައެއް ތަހައްމަލު ކުރަންޖެހުނު ކަމަކަށެވެ،“އެ ޕޯސްޓުގައި ލިޔެފައިވެ އެވެ.
މަންމާފުޅުގެ ހާލަތު މާބޮޑަށް ސީރިއަސް ވާން ފެށުމުން އުމްރާވެރިންގެ އުމުރާގެ އަޅުކަމުގެ ކަންކަން ނިމިފައިވާތީ ޝައިހް ރާއްޖެ ވަޑައިގެންނެވި ކަމަށެވެ. އަދި އައްޑޫއަށް ފުރަން އޮތް އެންމެ އަވަސް ފްލައިޓުން އައްޑޫއަށް ވަޑައިގެންނެވި ކަމަށްވެސް ލިޔެފައިވެ އެވެ.
”އައްޑޫއަސް ވަޑައިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫއަށް ވަޑައިގެން މަންމާފުޅާއި ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވި އެވެ. އޭގެ ފަހުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޝައިހްގެ މަންމާފުޅު މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކިޔުއްވި އެވެ،“ އަރަފާތު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ފޭސްބުކް އެކައުންޓުން ޝެއާ ކޮށްފައިވާ އެ ޕޯސްޓުގައި ލިޔެފައިވެ އެވެ.