ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ކޮމިޓީން ފާސްކުރީ ޝަހީދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ކޮމިޓީން ފާސްކުރީ ޝަހީދު

ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް މީހަކު ހޯދަން އިއުލާނު ކުރުމުން ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން، ހައިކޯޓުގެ އިސް ފަނޑިޔާރު ޙުސައިން ޝާހީދަށް ރުހުންދޭން މަޖިލީހަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ހުސްނުއްސުއޫދު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުން، ހުސްވި ޖާގައަށް ކުރިމަތިލާން އިއުލާނު ކުރުމުން ޝަހީދުގެ އިތުރުން ދެން ކުރިމަތި ލައްވާފައި ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތާއި، ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމެވެ. ޖޭއެސްސީން އެ ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ނިންމާފައި ވަނީ ޝަހީދު އައްޔަން ކުރަން ރައީސަށް ލަފާ އެރުވުމަށެވެ.

އެހެންވެ އެކަން މަޖިލީހަށް ފޮނުވުމުން ޖުޑިޝަރީ ކޮމިޓީން ނިންމީ، ޝަހީދުގެ ނަން ޖޭއެސްސީން މަޖިލީހަށް ފޮނުވީ އެތަނުން ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށްފަހު ކަމަށްވާތީ ދެން އިތުރަށް އެ ކޮމިޓީން ދިރާސާ ނުކުރިޔަސް ފަރުޖެހޭނެ ކަމަށެވެ. އެހެންވެ ކޮމިޓީން ނިންމީ އެގޮަތަށް ވޯޓަށް އަހާށެވެ. ކޮމިޓީގެ ފުރިހަމަ ތާއީދާއެކު ފާސްވީވެސް އެގޮތަށެވެ.

ކޮމިޓީން މިހާރު އެކަން ވަނީ މަޖިލީހުގެ ތަޅުމުގައި ގޮތެއް ނިންމައި ދިނުމަށް އެދި ފޮނުވާފައެވެ. އެހެންކަމުން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަން ކުރުމާމެދު ގޮތެއް ނިންމާނެއެވެ.

ޝަހީދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފައި ވަނީ 24 ޖުލައި 2018 ގައެވެ. އެއަށްފަހު ހައިކޯޓުގެ އިސްފަނޑިޔާރަކަށް ޝަހީދު އައްޔަން ކޮށްފައި ވަނީ 26 އޮކްޓޫބަރު 2023 ގައެވެ. ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރުކަމާއި ފޭދޫ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަންވެސް މީގެކުރިން ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *