ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލަ އދ. އާއި އީޔޫ އަދި ކޮމަންވެލްތަށް ވައްދައިފި

ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލަ އދ. އާއި އީޔޫ އަދި ކޮމަންވެލްތަށް ވައްދައިފި

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއް ކުއްލި ގޮތަކަށް ޖޭއެސްސީން ސަސްޕެންޑް ކުރި މައްސަލަ، އދ. ގެ ހިއުމަން ރައިޓްސްގެ ކޮމިޝަނަރާއި، ޔޫރަޕިއަން ޔޫނިއަންގެ އިތުރުން ކޮމަންވެލްތަށްވެސް ވައްދައިފިއެވެ.

މި މައްސަލަ އެ ތިން ފަރާތަށް ހުށަހެޅުއްވީ، ސަސްޕެންޑް ކުރުމުން ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފައިވާ ހުސްނުއްސުއޫދެވެ. މި މައްސަލައިގައި އެފަރާތްތަކުގެ ކިބައިން ސުއޫދު އެދިވަޑައިގަތީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި މި މައްސަލައިގެ ތެރެއަށް އެ ފަރާތްތަކުންވެސް ވަދެ، ފަނޑިޔާރުންނާމެދު އަޅާފައިވާ ފިޔަވަޅުތައް ބާތިލު ކުރަން ދިވެހި ސަރުކާރަށް ގޮވާލުމަށެވެ.

ސުއޫދު ވަނީ ފަނޑިޔާރުން ސަސްޕެންޑް ކުރިގޮތުގެ އިތުރުން ސުޕްރީމް ކޯޓުގެ ބެންޗު ކުޑަ ކުރުމަށް ކޯޓުތަކުގެ ގާނޫނަށް ގެންނަން އުޅުނު އިސްލާހުގެ ތަފްސީލުވެސް އެ ފަރާތަކާ ހިއްސާ ކުރައްވާފައެވެ. އަދި އެކަން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތް ހުއްޓުވާލުމަށް ކަމަށްވެސް ސުއޫދު ވަނީ ވިދާޅުވެފައެވެ.

އެ ޝަރީއަތް ފެށުނު ފަހުން ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު ވަކިކުރުން ލާޒިމްވާ ގޮތަށް ބިލެއް ހުށަހެޅި ކަމާއި، އެ ބިލް އަވަސް އަރުވާލައިގެން ފާސްކުރި ކަމާއި، އަދި މައްސަލައިގެ އަޑުއެހުމަކަށް ކުޑަތަންވެފައި ވަނިކޮށް ބިލު ފާސްކޮށް، އަދި ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވާކަން ސުއޫދު ވަނީ އެ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފައެވެ.

މީގެއިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން ފަށާނެ ކަމަށް ބަންޑާރަ ނައިބު އުޝާމް އެޖެންޓެއް ފޮނުވައިގެން އިންޒާރު ދީފައިވާ ކަމަށްވެސް ސުއޫދު ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ރައީސް ޑރ. މުޙަންމަދު މުއިއްޒު ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ކޯޓު ތަކަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަން ފާހަގަ ކުރައްވާފައިވެއެވެ.

ސުއޫދުގެ ސިޓީ އެ ފަރާތްތަކަށް ފޮނުވިއިރު، އެ ކޯޓުން އޭރު ސަސްޕެންޑް ކުރި ފަނޑިޔާރު މަހާޒް އަލީ އާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދިވެސް ތިއްބެވީ ސަސްޕެންޝަނުގައެވެ. އެ ދެ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ދަނީ ބަލަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *