އިދިކޮޅު އެމްޑީޕީގެ އަންހެން އެކްޓިވިސްޓުންނަށް އަމާޒުކޮށް ބިރުދެއްކުމުގެ އަމަލުތައް ސަރުކާރުން ކުރާ ކަމަށް ތުހުމަތުކޮށް އެ ކަން ހުއްޓާލަން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
ޝާހިދު 'އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވި އިރު، އެމްޑީޕީން ސިލްސިލާކޮށް ކޮންމެ ރެއަކު ބާއްވާ މުޒާހަރާގައި ބައިވެރިވާ އެކި އަންހެން އެކްޓިވިސްޓުން ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވާފައި ވަނިކޮށެވެ.
"މި މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރަން، ދައުވާކުރަން ހިފުމާއި ފުލުހަށް ހާޒިރުކޮށް ބިރުދެއްކުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން މިސަރުކާރާ ދެކޮޅަށް އުފެދިފައިވާ ރުޅިވެރިކަމުގެ ރާޅުހުއްޓައެއް ނުލެވޭނެ،" އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާއި ދެ ސަރުކާރެއްގައި ފޮރިން މިނިސްޓަރު ކަން ކުރައްވާފައިވާ ޝާހިދު ވިދާޅުވި އެވެ.
މި އަމަލުތަކުން އެނގެނީ އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޑިމޮކްރެޓިކް އަސާސްތައް މިސަރުކާރުން ނުދަމަހައްޓާނެ ކަން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވި އެވެ.
އަދި ސިޔާސީ މައިދާނުގައި އަންހެނުންނަށް ކުރާއަނިޔާ އިތުރުކުރުމަށް ބާރުއެޅުމުގެ ސިފައެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީން ބޭއްވި އެއްވުމެއްގައި އެ ޕާޓީގެ އެކްޓިވިސްޓު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްގެ މަންމާފުޅު މަރިޔަމް ޒުބައިރު 'މަންދީ’، ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކެވި ވާހަކައަކާ ގުޅިގެން ވަރަށް ބޮޑަށް މައްސަލަ ހޫނުވި އެވެ.
ރައީސްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ އެ ކަން ކުށްވެރިކޮށް ބަޔާނެއް ނެރެ މަންދީއާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ ދެކޮޅަށް މަދަނީ ދައުވާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ސަރުކާރުގެ ހުރިހާ އިސް ބޭފުޅުންނާއި މަޖިލީހުގެ މެންބަރުން ގެންދަވަނީ އެ ކަން ކުށްވެރިކުރައްވައި ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރައްވަމުންނެވެ.