ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ހައްޔަރު ކޮށްފިއެވެ.
ޑުޓާޓޭ ހައްޔަރު ކޮށްފައި ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ (އައިސީސީ)ގެ އަމުރެއްގެ ދަށުންނެވެ. ފިލިޕީންސް ސަރުކާރުން ބުނީ އިންޓަޕޯލް މެދުވެރިކޮށް އައިސީސީގެ އަމުރުގެ ދަށުން ޑުޓާޓޭ ހައްޔަރުކުރީ ގައުމުން ބޭރުގައި ހުންނެވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަތުމާއެކު ވެރިރަށް މެނީލާ އެއާޕޯޓުން ކަމަށެވެ.
އޭނާ ހައްޔަރު ކޮށްފައިވަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް ހިންގުމުގެ ތުހުމަތުގައެވެ. މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ޑުޓާޓޭއަށް އެ ދައުވާ ކުރީ އޭނާގެ ވެރިކަމުގައި ފިލިޕީންސްގައި މަސްތުވަތާކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމަ ކަމަށް ބުނެ، ސިފައިންނާއި ފުލުހުންނާއެކު ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކާ ގުޅިގެންނެވެ.
އެ އޮޕަރޭޝަންތަކުގައި 7،000އަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް ފިލިޕީންސްގެ ސަރުކާރުން ލަފާކުރެއެވެ. މަރާލި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނޭ ކަމަށް ބުނެއެވެ.