ނިއުކްލިއަ މަޝްރޫއުއާއި ބެހޭގޮތުން އެމެރިކާއިން މަޝްވަރާއަށް ގޮވާލި ނަމަވެސް، އީރާނަށް އެކަމުގައި ޕްރެޝަރުކޮށް ބިރު ދައްކާނަމަ އެމެރިކާއާއެކު ކުރާނެ އެއްވެސް މަޝްވަރާއެއް ނެތް ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުން އދ. އަށް ކަނޑައަޅާފައި މިޝަނުން ބުނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާތީ އެމެރިކާ އެކަމާމެދު ކަންބޮޑުވާނަމަ އެމެރިކާއާއެކު އމަޝްވަރާއަށް އީރާނު ތައްޔާރު ކަމަށެވެ. ނަމަވެސް ނިއުކްލިއަ މަޝްރޫއު މުޅިން ހުއްޓުލުމާމެދު ވާހަކަ ނުދެއްކޭނެ ކަމަށްވެސް އީރާނުން ވަނީ ބުނެއެވެ.
އެމެރިކާއާއެކު މަޝްވަރާ ކުރަން އީރާނުން ދެކޮޅު ހަދާނަމަ އީރާނަށް ހަމަލާއެއް ދޭންޖެހިދާނެ ކަމަށް އެމެރިކާ ބުނެފައިވާތީ އީރާނުން ބުނީ، ބިރު ދައްކާނަމަ، ކޮންމެ ޙާލަތެއް ކުރިމަތި ވިޔަސް އީރާނުން މަޝްވަރާމެދު ނުވެސް ވިސްނާނެ ކަމަށެވެ.
ދާދިފަހުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ އީރާނާއެކު މަޝްވަރާ ކުރަން ބޭނުންވާ ކަމަށާއި އީރާނަކީ މޮޅު ބައެއް ކަމަށެވެ. އެހެންވެ އީރާނަށް ގެއްލުމެއް ދިނުމުގެ ބަދަލުގައި އީރާނާއެކު ޑީލަކަށް ދެވޭތޯ އެމެރިކާ ބަލަމުން އަންނަ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.