ފަސް ކައުންސިލަކުން ފަޅުރަށް ބޭނުން ވެގެން އެދިއްޖެ، އިތުރު 24 ފަޅުރަށަށް އެދުމުގެ ފުރުޞަތު

ފަސް ކައުންސިލަކުން ފަޅުރަށް ބޭނުން ވެގެން އެދިއްޖެ، އިތުރު 24 ފަޅުރަށަށް އެދުމުގެ ފުރުޞަތު

ފަޅު ރަށް ބޭނުން ވެގެން ފަސް ކައުންސިލަކުން މިނިސްޓްރީގައި އެދިއްޖެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު، އެ މިނިސްޓްރީގެ ފަރާތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ފަޅު ރަށް ބޭނުންވާ ކަމަށް އަންގާފައިވާ ކައުންސިލުތަކުން އިތުރަށް ހޯދަން ބޭނުންވާ މައުލޫމާތު އެ މިނިސްޓްރީން ހޯދަމުން އަންނަ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ފަޅުރަށް ބޭނުން ވެގެން އެދިފައިވާ ކައުންސިލު ތަކަކީ، ހދ. އަތޮޅު ކައުންސިލާއި، ފ. އަތޮޅު ކައުންސިލާއި، ގދ. އަތޮޅު ކައުންސިލުގެ އިތުރުން، ރ. ދުވާފަރު ކައުންސިލާއި ގދ. ދެއްވަދޫ ކައުންސިލުންނެވެ.

މިނިސްޓަރު ވިދާޅުވީ، ހދ. އަތޮޅު ކައުންސިލުން އެދިފައި ވަނީ، އެ އަތޮޅު ފަރިދޫ ހޯދުމަށް ކަމަށެވެ. ފ. އަތޮޅު ކައުންސިލުން އެދިފައި ވަނީ އެ އަތޮޅު މަކުނުއެރި ހޯދުމަށެވެ. ގދ. އަތޮޅު ކައުންސިލުން އެދިފައި ވަނީ، އެ އަތޮޅު ވިލިގަލާ ހޯދުމަށެވެ. މީގެއިތުރުން ރ. ދުވާފަރު ކައުންސިލުން އެ އަތޮޅު އެނބޫދޫ ހޯދުމަށް އެދިފައިވާއިރު، ގދ. އަތޮޅު ކައުންސިލުން އެދިފައި ވަނީ އެ އަތޮޅުގެ ތިން ފަޅުރަށެއް ހޯދުމަށެވެ. އެއީ މާނައިދޫ، ވާރެޔާދޫ އަދި ލޮނުދޫއެވެ.

ކައުންސިލު ތަކުން ފަޅުރަށް ހޯދުމަށް އެދިފައިވާއިރު، ސަރުކާރުން ދާދިފަހުން ވަނީ ފަޅުރަށް ކައުންސިލުތަކަށް ދޫކުރުމަށް ނިންމާފައެވެ. ސަރުކާރުން ބުނެފައި ވަނީ އެގޮތަށް ނިންމީ، ބިމުގެ ތަނަވަސްކަން ކުޑަ ރަށްތަކަށް އިޤްތިޞާދީ މަސައްކަތްތައް ކުރެވޭނެ މަގު ފަހިކޮށްދިނުމަށާއި ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލު ތަކުން އިގްތިސޯދީ މަސައްކަތްކޮށް އާމްދަނީ އިތުރު ކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހަޅައިގެން 24 ފަޅުރަށެއް ހޯދުމުގެ ފުރުސަތު މިހާރުވެސް އެބައޮތް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *