މިއަހަރަކީ މަސްވެރިން މަސްކިރަން ކިޔުގައި ޖެހެން ޖެހޭނެ ފަހު އަހަރު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދޮށީގެ މަސްވެރިން ބާނާ މަސްކޮޅު ނުކިރި ކިއުގައި ތިބެން ޖެހޭ މައްސަލައާ ބެހޭގޮތުން ސ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސް ކިރުމަށްޓަކައި މަސް ދޯނިތައް ކިޔޫގައި ތިބެން ޖެހެނީ ކުރީ ސަރުކާރު ތަކުން އެ ކިޔޫ ނައްތާލަން މަސައްކަތް ކޮށްފައި ނުވާތީ ކަމަށެވެ. މަސް ކިރަން ކިޔޫ ނަންބަރު ދޫކުރަން ޖެހުނީ ރާއްޖޭގައި މަސްވެރިކަން ރަނގަޅުވުމުން ކަމަށްވެސް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާ މިފްކޯގެ "ޖަޒީރާ 2″ އަދި "ޖަޒީރާ 3″ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމުން މިހާރު އޮތް ކިޔުއަށް ހައްލެއް ލިބޭނެ ކަމަށެވެ.
ޝިޔާމް ވިދާޅުވީ މިފްކޯގެ މަސް ގަނޑުކުރުމުގެ ގާބިލުކަން ހުރީ 420 ޓަނުގައި ކަމަށާއި ފާއިތުވެދިޔަ ދުވަސްތަކުގައި 450 ޓަނު ވެސް ނަގަން ޖެހޭ ފަދަ ދުވަސްތައް ވެސް އައިސްފައިވާ ކަމަށެވެ.
މިގޮތުން މަސްވެރިކަން ރާއްޖޭގައި މިހާރު އޮތީ މިދިޔަ ދެ އަހަރު އޮތް ހާލަތަށްވުރެ ރަނގަޅަށް ކަމަށާއި މަސްވެރިކަމުގެ ސިނާއަތަށް ކުރިއަށް ގެންދާ މަޝްރޫއުތަކާ އެކު މި އަހަރަށްފަހު މަސް ދޯނިތައް ކިޔުގައި ތިބެން ޖެހޭ ތިބުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިއީ ކިޔުގައި ޖެހޭނެ ފަހު އަހަރު، އަޅުގަނޑުމެންގެ މި ސަރުކާރުގެ ޑިވެލޮޕްމަންޓް ޕްލޭންގައި ނޫނީ މިހާރު މަސްވެރި ސިނާއަތުގެ ތަރައްގީއަށް މި ކުރެވޭ މަސައްކަތްތަކުން އިރާދަކުރެއްވިއްޔާ މި ކިޔު އަޅުގަނޑުމެން ނައްތާލާނަން," ޝިޔާމް ވިދާޅުވިއެވެ.