ޣައްޒާއަކީ ފަލަސްތީނު ރައްޔިތުންގެ މިލްކެއް: ރައީސް

ޣައްޒާއަކީ ފަލަސްތީނު ރައްޔިތުންގެ މިލްކެއް: ރައީސް

ފަލަސްތީނުގެ ޣައްޒާއަކީ ފަލަސްތީނުގެ ރައްޔިތުންގެ ބިމެއް ކަމަށާއި، ޣައްޒާގައި ދިރިއުޅޭ މީހުން އެތަނުން ބާލަން ރާއްޖެއިން ދުވަހަކުވެސް ތާއީދު ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ޤައުމުތަކުގެ ބިންތައް ހިފައިގަތުމާއި، ފުރާނަޔަށް ގެއްލުންދިނުމާއި، އިންސާނީ ކަރާމާތަށް އަރައިގަތުން ފަދަ ޖަރީމާތައް ދިވެހި ރާއްޖެ އެއްގޮތަކަށްވެސް ބަލައި ނުގަންނާނެ ކަމަށެވެ. އަދި  ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ އެޕްލިކޭޝަނަށް ރާއްޖެއިން ތަދައްޚުލުވުމަށް ނިންމަވާފައިވާ ކަމަށާއި، ރާއްޖޭން ވާނީ ފާއިތުވި އަހަރު ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ހުށަހަޅާފައި ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި، އ.ދ. އާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ދުނިޔޭގެ އެކި ޤައުމުތަކުން ކުރިއަށް ގެންދާ ހަރަކާތްތަކާއި ގުޅިގެން އިޒްރޭލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރު ދިވެހި ރައްޖެއިން ކޯ ސްޕޮންސަރ ކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ނިންމުމަކީ، އިރުމަތީ ޖެރޫސަލަމަކީ ފަލަސްޠީނުގެ ވެރިރަށް ކަމަށާއި، ފަލަސްޠީނުގެ ވަކި ދައުލަތެއް އުފެއްދުން ކަމަށެވެ. އަދި، ވަކި ދައުލަތެއް ޤާއިމް ކުރުމަށް ފަލަސްތީން ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަޤީގަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްޠީންގެ ރައްޔިތުންނަށް ސަރުކާރުން އަބަދުވެސް ދޭނެކަށް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *