އިންޑިޔާއާއެކު އޮތް ގުޅުން ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމަށް ފައިދާވާ ދާއިރާ ތަކުން އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިންޑިޔާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އެ ގައުމުގެ ރައީސް ދުރޫޕަދީ މުރުމޫއަށާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ސަރުކާރާ އަދި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ދެ ގައުމު އެކުގައި ތަޖުރިބާ ކުރަން ޖެހުނު ގިނަ ކަންކަމާއެކު، އިތުބާރާއި އަދި އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. އިންޑިޔާއާއެކު ހިއްސާކުރާ އެކުވެރިކަމާއި އެއްބާރުލުމުގެ ވަރުގަދަ ގުޅުމުގެ އަގު ވަޒަންކޮށް، ރާއްޖެއިން އެކަން އަބަދުވެސް ބަލައިގަންނާނެކަން ފާހަގަ ކުރެއްވި އެވެ.
ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް، ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާ ގޮތަށް ގުޅުންތައް އިތުރަށް ބަދަހި ކުރަން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، މި ވެރިކަމުގެ ކުރީކޮޅު އިންޑިޔާއާއެކު އޮތް ގުޅުން ހީނަރުވިއެވެ. އެހެންނަމަވެސް ގުޅުން ބަދަހިވެ، ނިމުނު އަހަރުގެ އޮކްޓޫބަރު މަހުގެ ކުރީކޮޅު އިންޑިޔާގެ ރައީސްގެ ދައުވަތަކަށް ރައީސް ވަނީ އެ ގައުމަށް ދަތުރުފުޅެއްވެސް ކުރައްވާފަ އެވެ.
އެ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދު އެއްބަސްވުންތަކާއި ފަހުމުނާމާތަކުގައި ސޮއިކޮށް، ނޯޓް ވާބަލް ބަދަލުކޮށް އަދި ބައެއް މަޝްރޫއުތައް އިފުތިތާހު ކޮށްފައިވެއެވެ.
ރާއްޖެ އާއި އިންޔާއާއި ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތަށް މި އަހަރު ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް، ރައީސް ވަނީ އިންޑިޔާގެ ބޮޑުވަޒީރަށް ދައުވަތުވެސް އަރުވާފައެވެ.