ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ސަރުކާރު ހިންގާ ޕީއެންސީ އަށް އޭނާއަށް ނޭނގި ވައްދައިފައިވަނިކޮށް އަލުން އަނބުރާ އެމްޑީޕީއަށް ވައްދައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ޑެޕިއުޓީ އިބްރާހިމް ވަހީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޕާޓީގެ ޕީޖީ ގްރޫޕުގެ މެންބަރުންވެސް މިހާރު ޕީއެންސީއަށް ވައްދަން ފަށައިފައިވާ ކަމަށެވެ.
"މީދެން ތަންކޮޅެއް ބޮޑުވަރު، މިއަދު އިރުއެރި އިރު މިއޮތީ އަޅުގަނޑުމެންގެ މަޖިލިސް މެންބަރު ފިއްޓޭ ވަގަށް ޕީއެންސީއަށް ވައްދާފައި. އިންތިހާބުވި ޕާޓީ ބަދަލުކުރި ކަމަށް ހަދާފަ ދެން ފިއްޓޭގެ ގޮނޑި ގެއްލުވާލައި" އިބުރޭ ވިދާޅުވިއެވެ.
އިބުރޭ ވިދާޅުވީ ފިއްޓޭ، ޕީއެންސީއަށް ސޮއިކުރި ކަމަށް ބުނާ ފޯމުގައި ޖަހާފައިވަނީ މުއްދަތު ހަމަވެފައިވާ އައިޑީކާޑުގައި ޖެހުމަށް ޑީއެންއާރަށް ހުށަހަޅާފައިވާ ފޮޓޯއެއް ކަމަށެވެ. އަދި އެއީ ހޯމްލޭންޑް މިނިސްޓްރީން ކޮށްފައިވާ ވައްކަމެއް ކަމަށް އިބުރޭ ވިދާޅުވިއެވެ.
އީސީން މިއަދު ބުނީ ޒިޔާދު، ޕީއެންސީއަށް ވައްދާފައިވަނީ ދިޔަ މަހު 23 ގައި ކަމަށެވެ. އީސީން ބުނީ ޒިޔާދު ޕާޓީ ބަދަލު ކުރިކަން ނޭނގުނީ މަޖިލިސް އިންތިހާބަށް ފަހު ކުރީގެ މެންބަރުން އެލާޓް ނިޒާމުގައި ހިމަނާފައިވާ ލިސްޓުން އުނިކުރުމުން ކަމަށެވެ.
"މި މަޖިލީހަށް އިންތިހާބުވި މެންބަރުން ލިސްޓަށް ހިމެނުމަށް ފަހު ދެން ކުރީގެ މެންބަރުން އެއިން ނެގީ މި. އެހެން ހެދީމަ މި ވީގޮތަކީ ދެވަނަ ދައުރަކަށް ހޮވުނު މެންބަރުން ލިސްޓުންވެސް އުނިވެގެން ދިޔައީ. ޒިޔާދުގެ ނަންވެސް އުނިވީ. އެއީ އަޅުގަނޑުމެންނަށް އިދާރީ ގޮތުން ހެދުނު ގޯހެއް،" އީސީން ބުންޏެވެ.
އެފަދަ އެލާޓް ނިޒާމެއް އީސީން ގާއިމުކުރީ ކުރިންވެސް މަޖިލިސް މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ވައްދާ މައްސަލަތަކެއް ފާހަގަ ކުރެވިގެން ކަމަށް އީސީން ބުންޏެވެ.
އީސީން ބުނީ ފިއްޓޭ، އެހެން ޕާޓީއަކަށް ބަދަލުކުރީ އޭނާއަށް ނޭނގި އޮޅުވާލައިގެން ކަމަށް ތުހުމަތުވާތީ ގޮނޑި ގެއްލޭ ހާލަތު ވުޖޫދު ވެފައިނުވާ ކަމަށެވެ.