ކައުންސިލުތަކުގެ ރައީސާއި ނައިބު ރައީސް ފުލްޓައިމް، ދެން ތިބި މެމްބަރުންނަށް އެލަވަންސެއް، ޚަރަދު ކުޑަވާނެ: ރައީސް

ކައުންސިލުތަކުގެ ރައީސާއި ނައިބު ރައީސް ފުލްޓައިމް، ދެން ތިބި މެމްބަރުންނަށް އެލަވަންސެއް، ޚަރަދު ކުޑަވާނެ: ރައީސް

ކައުންސިލް ތަކުގެ ރައީސް އާއި ނައިބު ރައީސް އެކަނި ފުލްޓައިމް ބަޔަކަށް ހެދުމަށްފަހު، ކައުންސިލު މެމްބަރުންގެ ގޮތުގައި ދެން ތިބޭ މީހުންނަކީ ހަމައެކަނި ޖަލްސާތަކަށް ޙާޒިރުވާ ބަޔަކަށް ހަދައި، އެ ކައުންސިލަރުންނަށް އެލަވަންސެއް ދިނުމުގެ ޚިޔާލުފުޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު ފާޅު ކުރައްވައިފިއެވެ.

ގދ. ފިޔޯރީ ރައްޔިތުންނާ ރޭ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، ޑިމޮކްރެސީގެ ހަމަތަކާ އުސޫލުތަކަށް އަސަރު ނުކުރާނެ ގޮތަށް، ކައުންސިލްތައް އެކުލެވިގެންވާ ގޮތާއި އިންތިޚާބު ކުރާނެ ގޮތް ކަނޑައެޅުމުގައި އާންމު ބަހުސަކަށް، ނުވަތަ އާންމުންގެ މެދުގައި މަޝްވަރާކޮށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލައްވަން ރައީސް ނިންމަވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ކުރިންވެސް ކައުންސިލު ތަކުގެ ޢަދަދު މަދުކުރުމުގެ ޚިޔާލު ފާޅުކުރައްވާފައިވާނެ ކަމަށާއި އަދި އެކަމަށްޓަކައި މަޝްވަރާ ކުރެވި ރައްޔިތުންގެ ޚިޔާލާއި ކަމާބެހޭ އެންމެންގެ މަޝްވަރާއާއި އެކީގައި ގެންނަންވާ ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.

މިގޮތުން ބަލާއިރު އެއް ކަންބޮޑުވުމަކަށްވީ ކައުންސިލަރުންގެ އަދަދު މަދުކޮށްފިނަމަ، ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް އަސަރު ކޮށްފާނެ ކަމުގެ ކަންބޮޑުވުން ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

އެހެން ކަމުން ކައުންސިލަރުންގެ އަދަދު މަދުނުކޮށް، ފުލްޓައިމްކޮށް ކައުންސިލްގެ ރައީސާއި ނައިބު ރައީސް ތިއްބަވާ ގޮތަށް ކަނޑައެޅުމަކީ ޚަރަދު ކުޑަކުރުމަށް ކުރެވިދާނޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކައުންސިލް އިންތިޚާބުގައި ފުލްޓައިމް މަޤާމުތަކުގެ ގޮތުގައި އިންތިޚާބު ކުރާނީ ކައުންސިލްގެ ރައީސްގެ މަޤާމަށާއި ކައުންސިލްގެ ނައިބު ރައީސްގެ މަޤާމަށް އިންތިޚާބުކުރާ ދެމެންބަރުން ކަމަށް ކަނޑައަޅައި، އަދި މިހާރުވެސް ތިބޭ އަދަދަށް ކައުންސިލަރުން އިންތިޚާބު ކުރި ނަމަވެސް އެއީ ކޮންމެ ޖަލްސާއަކަށް އެލަވެންސެއް ލިބޭގޮތަށް ތިބޭ މެބަރުން ކަމުގައި ހެދުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.

އަދި ތަރައްޤީ ވެފައިވާ ޤައުމުތަކުގައި މި ގޮތަށް ކައުންސިލަރުން ތިބޭކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. މިގޮތަށް ހެދުމުން ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކަށް އަސަރު ނުކުރާ ކަމުގައި ރައީސް ވިދާޅުވިއެވެ.

އިތުރަށް ތަފްޞީލަށް ވަޑައިގެން ރައީސް ވިދާޅުވީ އެމަނިކުފާނު މި ހުށަހެޅުއްވި ގޮތަށް ކަންތައް ކުރުމުން މިހާރު ތިބި އަދަދަށް ކައުންސިލަރުން ތިބޭނެ ކަމަށާއި އެހެން ނަމަވެސް ފުލްޓައިމްކޮށް ޤާއިމުވެ، އޮފީހުގައި، އޮފީސް ހިންގަން ތިބޭނީ ރައީސާއި ނައިބު ރައީސް އެކަނި ކަމަށެވެ. އަދި މިކަން ކުރެވިދާނެ އިތުރު ގޮތްތައް ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް ކަމަށް ކުރިމަތިލާ މީހުންނާއެކު ރަނިންގ މޭޓެއް ކުރިމަތިލައިގެން ރަނިންގމޭޓާ އެކުގައި ވޯޓު ލައިގެންވެސް ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އޭރުން އެއް ފިކުރެއްގެ، އެއް ޚިޔާލެއްގެ އަދި އެއް ސިޔާސީ ފިކުރެއްގެ ދެމީހުން އައުމުގެ ފުރުޞަތުވެސް އޮންނާނެކަން ފާހަގަ ކުރެއްވިއެވެ.

ހަމަ މިގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީވެސް ބަދަލު ކުރެވިދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އ.ތ.މ ކޮމިޓީގެވެސް ރައީސާއާއި ނައިބު ރައީސާ އެއީ ފުލްޓައިމްގެ ދެމީހުންނަށް ހަދައި ދެންތިބި މެންބަރުންނަކީ "ޕަރ ސިޓިންގ" ނުވަތަ ބައްދަލުވުމުގައި ބައިވެރިވާ ދުވަސް  ތަކަށް އެލަވެންސް ލިބޭ ފަރާތްތަކަށް ހެދިދާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މިގޮތަށް އެލަވެންސް ލިބޭ ބަޔަކަށް ކައުންސިލަރުން ބަދަލުވާއިރު، މިހާރު އ.ތ.މ ކޮމިޓީގެ މެންބަރުންގެ އޮތް ކަންބޮޑުވުންތަކާ ފުށުނާރާ ގޮތަށް ޤާނޫނަށް އެގެންނަ އިސްލާހުގެ ތެރެއިން ޕާޓްޓައިމް ކައުންސިލަރުންނަށް އެލިބޭ އެލަވެންސަކީވެސް ހަމަ މުސާރައިގެ ހައިސިއްޔަތު އޮންނަ އެލަވެންސަކަށް ޤާނޫނުގައި ހެދުމުން އެ ލިބެންޖެހޭ އިނާޔަތްތައް ލިބޭނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސިޓީ ކައުންސިލު ތަކުގައިވެސް މޭޔަރ އަދި ޑެޕިއުޓީ މޭޔަރ ފުލްޓައިމްކޮށް މަސައްކަތްކުރާ އެގްޒެކެޓިވް ދައުރު އަދާކުރާ މުވައްޒަފުންގެ ގޮތުގައި އިންތިޚާބުކޮށް ދެންތިބި މެންބަރުންނަކީ ހާޒިރުވާ ކޮންމެ ޖަލްސާއަކަށް އެލަވެންސް ލިބޭ ފަރާތްތަކަށް ހެދިދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ހުށަހެޅުއްވި ގޮތަށް ޢަމަލު ކުރުމަށް ރައްޔިތުންނަށް ފެނިވަޑައިގަންނަވާނަމަ، އާންމުކޮށް ބަހުސް ކުރައްވައި ޚިޔާލު ހުށައެޅުއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ކުރިއަށް އޮތްތަނުގައި މިކަމަށް ރައްޔިތުން ވިސްނަވައި އެންމެ އެދޭގޮތް ހުށަހެޅުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.

ހަމައެއާއެކު ވަރަށް ސީރިއަސް ގޮތެއްގައި ފަންނީ ފެންވަރުގައިވެސް އަދި އާންމު ރައްޔިތުންގެ ހޮޅުއަށިތަކުގައްޔާއި ގޭތެރޭގައިވެސް މިކަމަށް މަޝްވަރާ ކުރެއްވުމަށް ރައީސް ބާރުއެޅުއްވިއެވެ. މިކަމަށް އެންމެ އެކަށީގެންވާ ހައްލެއް ގެނައުމަކީ ކުރަންޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުންވެސް ވިދާޅުވީ މި ސަރުކާރުން ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއެކުގައި ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުން ބޭނުންވާ ކަންކަން އަޑުއައްސަވައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދެވުމަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *