ސަރުކާރުގެ ތިން މިނިސްޓްރީއެއްގައި އަލިފާން ރޯވި ހާދިސާގެ މައުލޫމާތު ލިބިފައިވާނަމަ ފުލުހުންނަށް ހިއްސާ ކުރަން އެދިއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އަލިފާން ރޯވީ ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ ހިންގަމުން އަންނަ ގްރީން ބިލްޑިންގައެވެ.
އަލިފާން ރޯވި އިމާރާތަކީ ލަކުޑި ޑެކް އަޅައި ޓިނުން ހަދާފައިވާ އިމާރާތެކެވެ. އެއީ ކޮންސްޓްރަކްޝަން މިނިސްޓްރީ އެހެން ތަނަކަށް ބަދަލު ކުރަން ކުރި މަސައްކަތުގައި 2008 ވަނަ އަހަރު ބޭނުންކުރަން ފެށި ތަނެކެވެ. ވަގުތީ ގޮތުން އެ ތަން ބޭނުންކުރަން ފެށި ނަމަވެސް އެފަހުން އެ ތަން ދާއިމީ ތަނަކަށް ބަދަލުވީއެވެ.
އެ މިނިސްޓްރީ ތަކުގެ ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލު ކޮށްފައިވާއިރު، އެ ހާދިސާ ތަހުގީގު ކުރަން ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދަން ނިންމާފައިވެއެވެ.
މިއަދު ފުލުހުން ވަނީ އެ ހާދިސާގެ ތަހުގީގަށް ބޭނުން ކުރެވިދާނެ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، އެ މައުލޫމާތު ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހިއްސާކުރަން އެދިފައެވެ. އެގޮތުން އެ ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅަން ފުލުހުން އެދިފައިވެއެވެ.
އެ ހާދިސާއާ ގުޅިގެން ކަމާގުޅުން ހުރި އިދާރާ ތަކުން ދަރުބާރުގޭގައި ބޭއްވި ޕްރެސް ބްރީފިންގައި ކޮމިޝަނާރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ސީނުން ސާމްޕަލްތައް ނަގަމުންދާ ކަމަށާއި އެތަނުގެ ވަށައިގެން ހުރި ސީސީޓީވީ ފުޓޭޖެ ތަހުލީލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އަލިފާން ރޯވެފައި ހުއްޓާ އެ މަންޒަރު އެންމެ ފުރަތަމަ ފެނުނު މީހުންގެ ބަޔާންތަކާއި އެ ވަގުތު އެތަނުގައި ތިބި މީހުންގެ އިތުރުން އެ ހާދިސާގެ މައުލޫމާތު ލިިބުނު މީހުން ހޯދައި ސުވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.