ކުރީގެ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހިއްޒުއަށް ހަދަން ޖެހޭނެ ކަމަށް ބުނި މައްސަލަ ސީރިއަސް ކަމާއެކު ވަގުތުން ބަލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެކްޓިވިސްޓަކު ހދ. ކުޅުދުއްފުށީގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި އެގޮތަށް ބުނެފައިވާއިރު، އޭނާގެ ވާހަކަ ދިފާއުކޮށް، ރައްޔިތުންނަށް ދެރަ ދިނީމަ މުހައްމައު އަމީނަށް ހެދިގޮތް ހަދަންޖެހޭ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްވެސް ވަނީ ވިދާޅުވެފައެވެ.
ފައްޔާޒުގެ އެ ވާހަކަކޮޅު ޕޯސްޓް ކުރައްވައި، މަޖިލީހުގެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެއީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރު ދިނުން ކަމަށެވެ.
"މިއީ ކަމާގުޅޭ މުއައްސަސާ ތަކުން ވަރަށް ސީރިއަސްކަމާއެކު ވަގުތުން ބަލަން ޖެހޭކަމެއް. އަމުދުން އިދިކޮޅު ސިޔާސީ ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކު މިފަދަ ވާހަކައެއް ދެއްކުމަކީ އާދައިގެ ކަމެއް ކަމަށް ބަލައިގެން ނުވާނެ،" އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.
ރައީސް އަމީނަށް ހެދި ގޮތް ރައީސް މުހިއްޒުއަށް ހަދަންވީ ކަމަށްބުނެ، އެމްޑީޕީގެ އެކްޓިވިސްޓު ދެއްކި ވާހަކައަކާ ގުޅިގެން، އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަަށް ވަނީ ކުއްލި މައްސަލައެއްވެސް ހުށަހަޅައިފައއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ.