ރާއްޖޭގެ ރިސޯޓު ތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރު ކުރަން ސަރުކާރުން ރިސޯޓު ތަކަށް އެންގުމުގެ ކުރިން، ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ކަންކަން އޮތްގޮތް ސަރުކާރުން ބަލާލަން ޖެހޭނެ ކަމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ޝިޔާމް މުޙަންމަދު (ސަން ޝިޔާމް) ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި މިއަދު ހެނދުނު ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ރިސޯޓަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރު ކުރުމަކީ ކުރެވޭވަރުގެ ކަމަކަށް ނުވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ، ރިސޯޓަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ރިސޯޓުގެ ރޫމް ވިއްކައިގެންވެސް ނުލިބޭ ކަމަށެވެ. އެގޮތުން އާއިލާއެއް ރިސޯޓަށް އަންނަ ނަމަ، އެ އާއިލާގެ ހުރިހާ ކުޑަކުދިންނަށް ރޫމް އިން އެއްވެސް ޗާޖެއް ނުކުރާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"ފެމިލީ ގެންނަން ވެގެން އަޅުގަނޑުމެން މި ވިއްކަނީ (ރޫމް ވިއްކަނީ) ހުރިހާ ކުޑަކުދިންނަށް ހިލޭދީފަ. 500 ޑޮލަރު އަޅުގަނޑުމެންނަކަށް ނުލިބޭ. ޒީރޯ ޑޮލަރު ލިބެނީ އެމީހުން އަތުން. އެހެންވީމާ ނުލިބޭ އެއްޗެއް ކިހިނެއްތޯ އަޅުގަނޑުމެން މާރު ކުރާނީ" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، "ސަރުކާރުންވެސް، އެމްއެމްއޭއިންވެސް ކުރަންވާނީ ކުރެވޭވަރު ކަމެއް" ކަމަށެވެ. އެހެންކަމުން، ރިސޯޓަށް ނުލިބޭ އެއްޗެއް މާރުކުރަން ސަރުކާރުން މަޖުބޫރު ކުރާ ކަމަށް ވަންޏާ މުޅި ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"މި އިންޑަސްޓްރީ ހަމަ ހަލާކުވެގެންވެސް ހިނގައިދާނެ އިނގޭތޯ. މިއަށް އިސްލާހު ތަކެއް ނުގެނެސް މިއީކީ ކުރެވޭނެ ކަންތައްތަކެއް ނޫން" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ހުޅުވާލެވިފައިވާ އޯޕަން އިގްތިސޯދެއް ނެތި އިގްތިސޯދެއް ކުރިއަކަށް ނުދާނެ ކަމަށެވެ.
"އިގްތިސޯދަކާ ކުޅޭއިރު ވަރަށް ވިސްނަންވާނެ ދެއްތޯ. ހަމަ ބޭނުންހާއިރަކު ރޮނޑުން ހަން ދަމާ ގޮތަށް ދެމޭ އެއްޗެއްނޫން ދެއްތޯ" ޝިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކަށް ކުރެވޭނެ ކަމެއްނޫން ބޮލެއްގެ މައްޗަށް 500 ޑޮލަރު މާރު ކުރުމަކީ. ކުރެވޭނެ ކަންތަކުގެ ވާހަކަ އަޅުގަނޑުމެންގެ ކައިރީގައި ދެއްކީމާ އެކަންވާނެ. ދެން އެހެންނަމަވެސް މަޖުބޫރު ކޮށްފިއްޔާ އެކަން ކުރަން މަޖުބޫރުވާނެ. ދެން އަޅުގަނޑުމެންގެ ކުންފުނިތައް ހަލާކުވާނީ" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، އެގޮތަށް މަޖުބޫރު ކޮށްފިއްޔާ ރިސޯޓު ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ގެއްލުންތަކެއް އަންނާނެ ކަމަށެވެ. އެއީ ޑޮލަރުން ދެމުން އައި މުސާރަ ދިވެހި ރުފިޔާއަށް ބަދަލު ކުރަން ރިސޯޓު ތަކަށް މަޖުބޫރުވެގެންދާނެތީއެވެ.