މާޔޫސްނުވޭ، ޑިމޮކްރަސީގެ އިރު އަލުން އަރާނެ، ޤާނޫނީ އިމުގެތެރެއިން މި ސަރުކާރު ބަލިކޮށްލާނަން: ޝާހިދު

މާޔޫސްނުވޭ، ޑިމޮކްރަސީގެ އިރު އަލުން އަރާނެ، ޤާނޫނީ އިމުގެތެރެއިން މި ސަރުކާރު ބަލިކޮށްލާނަން: ޝާހިދު

ރައްޔިތުންގެ މަޖިލީހުން އިއްޔެ ޤާނޫނުއަސާސީއަށް ގެނައި އިސްލާޙުތަކާއެކު ރާއްޖެއަށް ޑިމޮކްރަސީގެ އިރު، އިއްޔެ އޮއްސިއްޖެ ކަމަށާއި، ނަމަވެސް އެ އިރު އަލުން އަރާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ "އަނދިރި ވެގެން ދިޔަނަމަވެސް، އިރު އަލުން އަރާނެ" ކަމަށެވެ. ޝާހިދު ވިދާޅުވީ އަނދިރީގެ މައްޗަށް އަބަދުވެސް އަލިކަން ކާމިޔާބު ހޯދާނެ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީން އެކަންކަމާމެދު އަޅާނުލާ ނުތިބޭނެ ކަމަށެވެ.

"އެމްޑީޕީން އަޅާނުލާ ތިބޭނީތޯ، އަޅާނުލައެއް އަޅުގަނޑުމެން ނުތިބޭނަން. އަޅުގަނޑުމެން ނުތިބޭނަން. އަޅުގަނޑުމެން ސިޔާސީ ޕާޓީއެއްގެ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން. އަޅުގަނޑުމެން ސިޔާސީ ޕާޓީއަކަށް ވާތީ، އަޅުގަނޑުމެންގެ މަސައްކަތްތައް ބިނާކުރަން ޖެހޭނީ އަދި ކުރާނީވެސް ގާނޫނީ އިމުގެތެރޭގަ. ގާނޫނީ އިމުގެތެރޭގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ރައްޔިތުން އެއްގޮތަކަށްވެސް މާޔޫސް ނުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުގެ މިއަދުގެ މެސެޖަކީ، އެއްވެސް ރައްޔިތަކު މާޔޫސް ނުވާށޭ. މާޔޫސްނުވާށޭ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އިއްޔެ އިރުއޮއްސުނުއިރު ޤާނޫނުއަސާސީއަށް ގެނައި އިސްލާޙާއެކު "އަނދިރީގެ ޒަމާނަކަށް" ރާއްޖެ ވައްޓާލި ކަމަށެވެ.

"އެކަމަކު ދިވެހި ރައްޔިތުން ގަބޫލުފުޅުކުރައްވާ މާދަމާ އިރުއާރާނޭ. އޮއްސޭއިރު އަރާ. ﷲގެ ހެޔޮރަޙްމަތްފުޅުން އަޅުގަނޑުމެންގެ ދުނިޔަވީ ތަޖުރިބާއަކީ އަނދިރީގެ މައްޗަށް އަބަދުވެސް އަލި ކާމިޔާބު ކުރާނެ. އަޅުގަނޑުމެން މި ސަރުކާރު ބަލިކޮށްލާނަން" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އިއްޔެ ޤާނޫނުއަސާސީއަށް ގެނައި އިސްލާހާއެކު ރައްޔިތުންނަށް އޮތް ވެރިކަން ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމަކަށް ބަދަލުކުރާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި އެއްވެސް މަޝްވަރާއެއް ނެތި މިފަދަ ބޮޑެތި ބަދަލުތަކެއް ގެނައުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *