މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި

މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހަޅައި ބިލްގެ އިބްތިދާއީ ބަހުސް ނިންމައި ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

އިބްތިދާއީ ބަހުސް ނިމުމުން މި ބިލު މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 82 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 69 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައި ނުގަތުމަށް 12 މެންބަރުން ވޯޓު ދެއްވިއެވެ.

މިއަދުން މިއަދަށް ނިންމަން އަމާޒު ކޮށްގެން ކުރިއަށް ގެންދާ މި ބިލު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. ތާއީދު ކުރެއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލް ހުށަހެޅުއްވީ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

ޝާހިދު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކޮށްގެން އިންތިހާބުވުމަށް ފަހު، އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކި ކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

މެންބަރަކު މިހާރު ތަމްސީލް ކުރާ ސިޔާސީ ޕާޓީން އަމިއްލަ އަށް ވަކިވެއްޖެނަމަ ނުވަތަ ވަކި ކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ވެސް ގޮނޑި ގެއްލޭނެ ކަމަށް މި އިސްލާހުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައި ގަތުމަކީވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށް ޝާހިދު ހުށަހެޅުއްވި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ޤާނޫނު އަސާސީއަށް މި އިސްލާހު ގެންނަން ހުށަހަޅާފައިވާއިރު، އެންޓި ޑިފެކްޝަންގެ ޤާނޫނަށް މިދިޔަ 19 ވަނަ މަޖިލީހުގައިވެސް އެ ބަދަލު ވަނީ ގެނެސްފައެވެ. އެ ޤާނޫނުގައި ތިން ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މެންބަރަކު ހަތް ދުވަސް ތެރޭގައި ޕާޓީން އަމިއްލަ އަށް އިސްތިއުފާ ދޭން ޖެހޭނެއެވެ.

ނަމަވެސް އިސްތިއުފާ ނުދީފިނަމަ ދެން ވާނެގޮތެއް އެ ޤާނޫނުގައި ބުނެފައެއް ނުވެއެވެ. އެ މައްސަލަ މިހާރު ވަނީ އަމިއްލަ ފަރާތަކުން ކޯޓަށް ހުށަހަޅައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *