ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 4 މެންބަރުން ހިމެނޭހެން، މޯލްޑިވްސް މީޑިޔާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެއްދުމަށް ބިލެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިއުން އިއްވާފައިވާއިރު، މި ބިލު މަޖިލީހަށް ހުށަހަޅުއްވާނީ، އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރެވެ.
މި ބިލުގެ މަގުސަދުގެ ގޮތުގައި ބިލުގައި ހިމަނާފައިވަނީ، ރައްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުގައި ތަރައްގީކޮށް، ޤާނޫނުއަސާސީން ނޫސްވެރިންނަށް ލިބިދޭ ހައްގުތައް، ޒިންމާދާރުކަމާއެކު ބޭނުން ކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑީޔާތަކާއި މީޑިޔާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން އަމަލު ކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުން ކަމަށެވެ.
ބިލުގައި ބުނެފައިވަނީ މި ކޮމިޝަނުގައި 7 މެމްބަރުން ހިމެނޭނެ ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މެންބަރުންނާއި، މީޑިޔާ ތަކުން އިންތިޚާބުކުރާ 3 މެންބަރުންނެވެ. ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަށް އައްޔަން ކުރަން ފެންނަ ފަރާތް ތަކުގެ ނަންތައް މަޖިލީހަށް ފޮނުވައިގެން ރުހުން ހޯދަންޖެހޭނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
ބިލުގައި ވާގޮތުން މީޑިޔާ ތަކުން ކޮމިޝަންގައި ހިމެނޭ މެންބަރުން އިންތިޚާބު ކުރާނީ މި ޤާނޫނޫނުގެ ދަށުން ހަދާ ގަވާއިދުގައި ވާގޮތުގެ މަތިން އިލެކްޝަން ކޮމިޝަނުން ބާއްވާ އިންތިޚާބަކުންނެވެ. މި އިންތިޚާބުގައި ވޯޓު ލެވޭނީ ބްރޯޑްކާސްޓް މީޑިޔާ ހިމެނޭނެހެން، ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނު އާއި ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ރަޖިސްތޓްީ ކޮށްފައިވާތާ 5 އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިޔާތަކާއި އެތަންތަނުުގައި މަސައްކަތްކުރާ ނޫސްވެރިންނަށެވެ.
މި ބިލުގައި ވަނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސަކާއި ނައިބު ރައީސެއް އައްޔަން ކުރާނީ މަޖިލިސްގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މި ކޮމިޝަންގެ މެންބަރު ކަމުގެ މުއްދަތަކީ 5 އަހަރު ދުވަހެވެ. ނަމަވެސް ވިދިވިދިގެން ދެ ދައުރަށްވުރެން ގިނަ ދުވަހު މެންބަރު ކަމެއް ނުކުރެވޭނެއެވެ.
ބިލުގައި ކަނޑައަޅާފައި ވާގޮތުގެ މަތިން ނޫސް ޝާއިއު ނުުރާތާ 12 މަސް ދުވަސް ވެފައިވާ ނޫސްތަކާއި، ރަޖިސްޓްރީ ކުރުމުގައި ކަމެއް އޮޅުވާލާފައިވާ ނޫސްތަކުގެ ރަޖިސްޓްރީ ބާތިލް ކުރެވޭނެއެވެ. އަދި ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ދިނުމުގެ ލައިސަންސް އޮތް ފަރާތަކުން މި ޤާނޫނާއި ސުލޫކީ މިންގަނޑާ ޚިލާފު ވެއްޖެނަމަ، ވޭތުވެދިޔަ އަހަރު އެ ފަރާތަށް ލިބުނު އާމްދަނީގެ 10 ޕަސެންޓަށްވުރެން ބޮޑުނޫން އަދަދަކުން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކޮމިޝނުން އަންގާ ގޮތަށް، ކުރި ކުށް، ރަނގަޅު ނުކޮށްފިނަމަ، އެ ފަރާތެއްގެ ޕްރޮގްރާމް ޝެޑިއުލްގެ ބައެެއް ވަގުތީ ގޮތުން މެދުކަނޑާލުމަށް އެންގުމާއި، އެތަނަކުން ފޮނުވާ ކޮންޓެންޓަކީ އިސްލާމްދީނާއި، ގައުމީ ސަލާމަތާއި، އާއްމު ނިޒާމު ނުވަތަ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ބެލެވިދާނެ ހާލަތުގައި ދައުލަތުގެ ކަމާއިގުޅުން ހުރި އިދާރާތައް މެދުވެރިކޮށް އެ ކޮންޓެއްޓެއް ބްރޯޑްކާސްޓް ކުރުން ހުއްޓުވޭނެ ކަަމަށްވެސް ބިލުގައިވެެއެވެ.
މީގެއިތުރުން މަސައްކަތް ކުރުމަށް ބޭނުންކުރާ އާލާތްތައް ހިފެހެއްޓުމާއި، ކޯޓަށް ހުށަޅައިގެން ލައިސަންސް ބާތިލް ކުރުމާއި ހަމައަށް ފިޔަވަޅު އެޅުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާނަމަ، އެ ނޫހުގެ ނުވަތަ މަޖައްލާއެއް، 5000، ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމާއި، މީޑީޔާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންވެސް 5،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭގ ޮތަށްވެސް ބިލުެގައި ހިމަނާފައިވެއެވެެ.