ތިން މުވައްސަސާއެއްގެ ނައިބު ރައީސް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

ތިން މުވައްސަސާއެއްގެ ނައިބު ރައީސް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހާއި، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސް އަބްދުއްސަލާމް އާއި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އަލީ ނަޝާތު ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެބޭފުޅުން ވަކިކުރަން ހުށަހަޅާފައި މިވަނީ، އެކަން މަޖިލީހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީއަށް މިދިޔަ ހަފުތާގައި ހުށަހެޅުމަށްފަހު، އެބޭފުޅުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިދެއްވުމަށް، އެދި ކޮމިޓީން މަޖިލިސް ރައީސަށް ފޮނުވުމުން މަޖިސް ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ގޮތުގައެވެ.

އެ މައްސަލަ މިއަދުގެ ޖަލްސާގައި އިދާރީ މޭޒުން އިއުލާން ކުރުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިކަން އިއުލާން ކުރައްވައިފައެވެ.

މަޖިލީހަށް ހުށަހަޅާފައި ވަނީ، ސީއެސްސީގެ ރައީސް ނާސިހު އާއި އޭސީސީގެ ނައިބު ރައީސް މަގާމުގެ އިތުރުން މެންބަރުކަމުންވެސް ވަކިކުރުމަށެވެ. ނަމަވެސް އީސީގެ ނައިބު ރައީސްގެ އިތުރުން އެ ކޮމިޝަންގެ ދެ މެންބަރުންވެސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން ވަކިކުރަންވެސް ހުށަހަޅާފައިވެއެވެ.

މަޖިލިސް ގަވާއިދުގައި ވާގޮތުން އެ މައްސަލައަށް މަޖިލިސް ތަޅުމުން ގޮތެއް ނިންމޭނީ، އެ މަޖިލީހަށް ހުށަހެޅުއްވުމަށްފަހު، އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުއްވުމަށްފަހު، އެކަމާބެހޭގޮތުން ކޮމިޓީން ނިންމާގޮތުގެ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވުމުން އެއަށް ވޯޓަށް އަހައިގެން ވޯޓުން ގޮތެއް ނިންމުމެވެ.

އެބޭފުޅުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި މިވަނީ، އޭސީސީ އާއި އީސީގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި، ދިރާސާ ކުރުމަށް މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީއަށް ފޮނުވާފައި ވަނިކޮށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *