ބަޖެޓް ބަހުސް: މެންބަރަކަށް 15 މިނެޓް، މިނިސްޓަރަށް 45 މިނެޓް ދޭން ނިންމައިފި

ބަޖެޓް ބަހުސް: މެންބަރަކަށް 15 މިނެޓް، މިނިސްޓަރަށް 45 މިނެޓް ދޭން ނިންމައިފި

އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ބަހުސްގައި ވާހަކަ ދެއްކުމަށް މަޖިލީހުގެ ކޮންމެ މެންބަރަކަށް 15 މިނެޓްގެ ފުރުސަތެއް ދޭން ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 235 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަޖެޓުގެ ބަހުސް ހިނގަމުންދާ ވަގުތު މެންބަރުން ފާހަގ ަކުރައްވާ ނުކުތާތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ ގޮތުގެ މަތިން ފިނޭންސް މިނިސްޓަރަށް ޖުމްލަ 45 މިނެޓުގެ ވަގުތެއް ދޭން ވެސް ކޮމިޓީން ވަނީ ނިންމައިފައެވެ.

މީގެއިތުރުން ބެޖެޓް ކޮމިޓީން މަޖެޓް ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހަޅާ ކޮމިޓީ ރިޕޯޓަށް ބަހުސްކުރާ މަރުހަލާގައި ކޮންމެ މެންބަރަކަށް ހަތް މިނެޓުގެ އެއް ފުރުސަތު ދިނުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. ބަޖެޓުގެ ޖުމްލައަކީ 56,647,600,859 ރުފިޔާއެވެ.

ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އަންނަ އަހަރުގެ ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ ކަމަށާއި އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާ އާއި ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާ އާއި ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ ވެސް ބަޖެޓްގައި ހިމަނާފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ހޯދައިދީ، ދިވެހި އާބާދީގެ ބޮޑު ބަޔަކީ ގެދޮރުވެރި ބަޔަކަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ތަސައްވުރު ކަމަށެވެ. އެގޮތުން ފަސް ޕަސެންޓް އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯންދޫކުރުމަށް އެއް ބިލިއަން ރުފިޔާ ހިމަނާފައިވާ އިރު، މި ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން ދެ ބިލިއަން ރުފިޔާގެ ހައުސިން ލޯން ދެވޭނެ މަގު ވެސް ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

"މީގެއިތުރުން 1.8 ބިލިއަން ރުފިޔާގެ ޖާގަ ގެދޮރުވެރިކަމުގެ އާ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވާނެ. އެހެންކަމުން 2025 ވަނަ އަހަރަށް ފާސްކުރަން އަޅުގަނޑު ތިޔަ އިއްޒަތްތެރި މަޖިލީހަށް ހުށަހަޅާ މި ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީހުގައި އެއް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓު،" ޒަމީރު ވިދާޅުވެފައިވެއެވެ.

ޒަމީރު ވިދާޅުވި ގޮތުގައި 2025 ވަނަ އަހަރުގެ ބަޖެޓުގައި ސިއްހީ ނިޒާމަށް ބޭނުންވާ މުހިންމު މަޝްރޫއުތަކެއް ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓްގައި ކެންސަރުގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލަކާއި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރުން ހިމެނޭ ކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އަދި ތެލަސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް 15 ބުރިއަށް ހެދުމަށް ވެސް ބަޖެޓްގައި ހިމަނާފައިވެއެވެ. އަދި އެކިރަށްރަށުގައި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލުތަކުން ލިބޭ ހިދުމަތްތައް ފުޅާކުރުމާ އެކު އެތަންތަން ތަރައްގީ ކުރުމަށްވެސް މި ބަޖެޓުގައި އިސްކަންދީފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބަޖެޓުގައި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައިނުވާ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނެސް ހާމަނައިޒް ކުރަން 500 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ. އަދި އެނޫން އެހެން ހުރިހާ މުވައްޒަފުންގެ މުސާރަތަކަށް 2026 ވަނަ އަހަރު ބަދަލު ގެނައުމަށް ރާވާފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވަނީ 9.4 ބިލިއަން ރުފިޔާއިން ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 7.8 ޕަސެންޓެވެ. އަދި ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 3.8 ބިލިއަން ރުފިޔާ ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 3.2 ޕަސެންޓް ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *