ރައީސް ޔާމީން ގެންދަވަނީ ގައުމު ފަސާދަ ކުރަމުން: ޝާޑު

ރައީސް ޔާމީން ގެންދަވަނީ ގައުމު ފަސާދަ ކުރަމުން: ޝާޑު

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމު އުޅުއްވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އާއިލާ އާއި އެމަނިކުފާނުގެ ސަރުކާ ޖައްސާލައިގެން ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން، ކުރިން ރައީސް ޔާމީނާ ވަރަށް އަރިސް ބޭފުޅެއް ކަަމަށްވާ ޝާހިދު މިއަދު ވިދާޅުވީ، ޑރ. މުއިއްޒުގެ އާއިލާ އާއި އެމަނިކުފާނާ އެމަނިކުފާނުގެމުޅި ސަރުކާރާ ބެހޭގޮތުން ރައީސް ޔާމީން ދައްކަން ނުޖެހޭ ވާހަކަ ދައްކަވައި، ފިތުނަ ފަސާދަ އުފައްދަމުން ގެންދަވާ ކަމަށެވެ.

"ރައީސް ޔާމީން ގެންދަވަނީ ގައުމު ފަސާދަކޮށް މި ގައުމުގައި އޮތް އަހުލާގީ މިންގަނޑު ނައްތާލުމަށްޓަކައި މަސައްކަތް ކުރައްވަމުން މިއީ ހިތާމަހުރި ކަމެއް،" ޝާޑު ވިދާޅުވިއެވެ.

ކުރީގެ ރައީސެއްގެ ގޮތުން ދައުލަތުން ރައީސް ޔާމީނަށް ރައްކާތެރިކަމާއި ހިމާޔަތް ދެއްވައި އިނާޔަތް ދެއްވަމުން ގެންދަވާކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ، އެމަނިކުފާނު ޖެހިވަޑައިގަންނަވާނީ، ސަރުކާރަށް އެއްބާރުލުން ދެއްވައި ސަރުކާރު ނެގެހެއްޓުމަށް މަސައްކަތް ކުރެއްވުމަށް ކަމަށެވެ. އަދި ފަހަތަކަށް ޖެހި ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ވަގުތުތަކުގައި ފަހަތަށް ޖެހިވަޑައިގެން ވެރިކަމަށް ވަޑައިގަތުމަށް އެހެން ބޭފުޅުންނަށް ފުރުސަތު ދެއްވަން ޖެހޭނެ ކަަމަށްވެސް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، މިހާތަނަށް ސިޔާސީ ހަޔާތުގައި ވަޑައިނުގަންނަވާހާ ދަށު ދަރަޖައަކަށް ރައީސް ޔާމީން ވެއްޓި ވަޑައިގެންފައިވާ ކަމަށެވެ. އެއީ ބައެެއްގެ ސަބަބުން ދިމާވެެގެންއުޅޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޑރ. ޖަމީލުވިޔަސް ޑރ. މަލީހު ވިޔަސް ރައީސް ޔާމީނު ވިޔަސް، އެއިން ކޮންމެ ބޭފުޅަކު ވިޔަސް މިއަދު އެދައްކާ ވާހަކަ އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ، ވަރަށް ހިތާމައާއެއްކޮށް މިދަންނަވަނީ، ރައީސް ޔާމީނަކީ އެފަދަ ބޭފުޅެއްނޫން. އެއަށްވުރެން މާ ހަރުދަނާ ގޮތެއްގައި ދެކުނީ، ނަމަވެސް މިހާރު އެބޭފުޅާ އެހެން ގޮތަކަށް ބަދަލުވެފައެވަނީ، ސަބަބެއް ކަމަށް ދެކެނީ އެބޭފުޅާގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ ސަބަބުން ކަމަށް،" އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *