ޖީބަށް ލާރިއެއް ލައިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ކައިރިވެއްޖެ ނަމަ، އެ ލާރިވެސް އެމަނިކުފާނު ވަގަށް ނަންގަވާނެ ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، އޭޝިޔާ ގައުމު ތަކުގެ ތެެއިން ކޮރަޕްޝަން ހިންގުމުގައި އެންމެ ކުރީގައިއުޅޭ ގައުމަކީ ރާއްޖެ ކަމަށެވެ. އެއީ މީގެކުރިން ތިއްބެވި ވެރިން ހިންގާފައިވާ ކޮރަޕްޝަނާއި، ޖަރީމާ ތަކުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.
ޚާއްސަ ގޮތެއްގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކޮރަޕްޝަން ހިންގާފައިވާ ގޮތަށް ބަލާއިރު އެމަނިކުފާނަކީ މާކުރިންވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގެވި ބޭފުޅެއް ކަަމަށް ފަލާހު ވިދާޅުވިއެވެ.
"ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް، އަޅުގަނޑުމެން ޅައިރު، އޭރުވެސް އަޑުއިވޭ އެސްޓީއޯގެ ޗެއާމަނަކަށް ހުރިއިރުގައި، އެސްޓީއޯއިން ކުރި ވައްކަންތަކުގެ ވާހަކަ،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ ފައިސާ ބޭނުން ކުރައްވާފައިވާ ކަމަށެވެ. އެކަމަށްޓަކައި މިއަދު ދެރަވާ ކަމަށްވެސް ވިދާޅުވިއެވެ.
"އެމަނިކުފާނުގެ އަރިހަށް ނުވާނެ ޖީބަށް ލާރިއެއް ލައިގެންދާކަށް، ނަގާނެ، ވަގަށް، ފުރަގަހުގައި ޖީބަށް ވޮލެޓަށް ލައިފަ އޮތަސް ކައިރީގަ އިންނައިރު ނަގާގޮތްވެސް ނޭނގޭނެ، އަމިއްލަފުޅު ވިޔަފާރި ނުކުރައްވާ ބޭފުޅަކު ދިރިއުޅުއްވުުން އެ ފެންނަ ތަނަވަސްވުމުގެ ސަބަބުން އަސަރުކުރޭ، އެއީ ދިވެހި ރައްޔިތުންގެ ފައިސާ، އަދި އެވަރަށް ވައްކަންކޮށްގެން ކުދިކުދި ޕާޓީ ހަދައިގެން އަމިއްލަ ގޭގަ ކުދިކުދި ގޮޅީގަ 4 މީހުން 5 މީހުން ލައިގެން ގައުމު ފަސާ ދަކޮށްފި،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، އޭސީސީއަށް ބާރުދީ އޭސީސީ ހަރުދަނާ ކުރަން ޖެހެނީ އެ ސަބަބާހުރެ ކަމަށެވެ.