ސިޔާސީ ޕާޓީތަކަށް ވަންނަ މީހުން ވަކި މުއްދަތެއް ކޮށްފައިނޫނީ ޕާޓީން ވަކި ނުވެވޭނެގޮތް ހެދުމަށް ގާނޫނަށް އިސްލާހު ގެންނަންޖެހޭ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ސިޔާސީ ޕާޓީތަކާއި ސިޔާސީ މަސައްކަތްތައް ރާއްޖޭގައި ހިންގަން ބައެއް މެންބަރުން ދެކޮޅު ހެއްދެވިއަސް، ގައުމަށް މި އަންނަ ބަދަލުތަކާއެކު ސިޔާސީ ޕާޓީތައް އިތުރަށް އުފެދި ސިޔާސީ ހަރަކާތްތައް ހިންގަންޖެހޭ ކަމަށެވެ.
ނަމަވެސް އެކަން ކުރަން ޖެހޭނީ ރަނގަޅު ގޮތުގައި ކަމަށާއި، އެކަންކަމުން ގައުމަށާއި، ރައްޔިތުންނަށް ފައިދާވާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް މައްސަލައަކީ ގައުމާއި ރައްޔިތުން އެކަހެރިކޮށް ޕާޓީގެ އިސް ވެރިއަކަށް ހުންނަ މީހާ، ސިޔާސީ ބޭނުމަށް ވެރިކަން ހޯދަން މަސައްކަތްކުރުން ކަަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ޝާހިދު ވިދާޅުވީ، ޕާޓީތައް ޖަވާބުދާރީ ކުރުމަށް، ގާނޫނީ ބާރު ބޭނުން ކޮށްގެން ރެކިއުލޭޓްރީ ބޮޑީން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އެގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މިއަދު ހުށަހެޅި އިސްލާހަކީވެސް ޕާޓީތަކަށް ހިމާޔަތާއި ރައްކާތެރިކަން ދީ، އެ ދާއިރަގެ ތެރޭގައި ޕާޓީތަކަށް މަސައްކަތް ކުރެވޭގޮތް ހެދުމަށް ހުށަހެޅި އިސްލާހެއް ކަމަށް ވިދާޅުވިއެވެ.
"ސިޔާސީ ޕާޓީތަކަށް މީހުން ވަދެފަ، މިއަދު ވަންނަނީ މިއަދު ނިކުންނަނީ، މިވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް، ސިޔާސީ ޕާޓީއަށް ވަނުމަށްފަހުގައި އެ ސިޔާސީ ޕާޓީގެ މެންބަރެއްގެ ގޮތުގައި މަދުވެގެން އަހަރެއް، ދެއަހަރު ވަންދެން އެ މެންބަރު ހުންނަންޖެހޭ އިސްލާހެއްވެސް އައުމަކީ އަޅުގަނޑު އެދޭކަމެއް،" ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޮމިޓީ މަރުހަލާގައި އެކަންތައްތަކާމެދު ވާހަކަ ދައްކައި އެކަން ހައްލު ކުރެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ހެނދުނު ސޮއިކުރީ ހަވީރު ޕާޓީ ބަދަލުކޮށް ސޮއި ކުރަނީ، ރައްޔިތުންވެސް އެބަޖެހޭ ޒިންމާދާރުވާން،" އޭނާ ވިދާޅުވިއެވެ.